ޚަބަރު

"ޓޯޔޯ ކުންފުނީގެ މަޝްރޫޢުގެ ދަށުން މާލޭ ބޭރުތޮށި ތަރުތީބުކުރެވޭނެ"


  • މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް

  • ފެން ހިއްދާ ނިޒާމު ޒަމާނީކުރުމުގެ މަސައްކަތްވެސް ކުރާނެ

  • މުޅި މަޝްރޫޢަށް 9.8 މިލިޔަން ޑޮލަރު ޚަރަދުވޭ

ޖަޕާންގެ ޓޯޔޯ ކުންފުނީގެ މަޝްރޫޢުގެ ދަށުން މާލޭ ބޮޑު ހިލައިގެ ބޭރު ތޮށިގަނޑު މަރާމާތުކޮށް، ތަރުތީބުކުރެވޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 01 ގެ އެއްބަސްވުމުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މިހާރު އުދަ އެރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ގެއްލުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގައި މިހާރު ހުރި ބޮޑުހިލައިގެ ތޮށިގަނޑު އަލުން ތަރުތީބުކޮށް، އެ ސަރަޙައްދަކީ އާންމުންނަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ މައިދާނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ބަދަލެއް ނުގެނެސް، އާންމު ދަތުރުފަތުރަށް ދަތިނުވާނެހެން މަސައްކަތްތައް އިންތިޒާމުކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މައިގަނޑު 2 މަސައްކަތެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.

ބޭރު ތޮއްޓަށް ގެންނަ ބަދަލުތަކާއި މަސައްކަތް ކުރާނެ ސަރަޙައްދުތައް:

• މާލޭގެ އިރުމަތީ ފަރާތުގެ އައްސޭރިފަށް: ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލްކުރުން.

• ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދު: މި ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލްކުރުން.

• ބޭންކް އޮފް މޯލްޑިވްސް ކުރިމަތި: މި ސަރަޙައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ-ޕްރޮފައިލްކުރުން.

• މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕް ސްޓޭޝަނެއް މޮނިޓަރކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް، މަރުކަޒީކޮށް މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

• ޖެޓިންގް ވެހިކަލެއް ފޯރުކޮށްދިނުން.

މާލޭގެ އިރުމަތީ ފަރާތުގެ އެއްގަމު ތޮށިލާފައިވާ ސަރަހައްދަކީ، އިރުވައި އަދި ހުޅަނގު މޫސުން ބަދަލުވާ ދުވަސްވަރު އާދަޔާ ޚިލާފަށް އުދައެރުމުގެ މައްސަލަ ބޮޑު ސަރަޙައްދެކެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށާއި، ދުއްވާ އުޅަނދުފަހަރަށާއި، މަގުމަތިން ހިނގާބިނގާވެ އުޅޭ އާންމުންގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވެ، އެކިވަރުގެ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ، މިފަދަ ހާދިސާތަކުން ދާއިމީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ޑިޒައިންކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ސްކޭލަށް ބަލާއިރު، މުޅިން އަލަށް ތަޢާރަފުކުރާ ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް ކަނޑައެޅިފައި ނުވި ނަމަވެސް، ފެންހިންދާ ނިޒާމަށް ގެނެވޭ ބަދަލުތަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރުގެ ސިސްޓަމެއް ޤާއިމުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން، ފެންހިންދާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓުމެއްނެތި، 24 ގަޑިއިރު މޮނިޓަރކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި އެވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 9.8 މިލިޔަން ޑޮލަރެވެ.

މާލޭގެ އުތުރު ފަރާތަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސް ގޮސްވާ ސަރަހައްދަކަށް ވުމުން، އެ ސަރަހައްދު ރީތިވެ ތަރައްޤީވުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއްކަމަށް ފާހަގަކުރަށްވާ އެވުޒާރާއިން ވިދާޅުވީ މި މަޝްރޫއަކީ މާލޭގެ މަލަމަތި އަނެއްކާވެސް ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ.