ތަރައްްޤީ

45 ރަށެއްގައި ވާރޭފެން ރައްކާކުރުމުގެ ބިޔަ މަޝްރޫއެއް ފަށަނީ


ކުދި އާބާދީތަކަށް އަމާޒުކުރައްވައިގެން، ވާރޭފެން ރައްކާކުރުމުގެ ބިޔަ މަޝްރޫޢެއް ފެއްޓެވުމަށް އެންވަޔަރމަންޓް މިނިސްޓްރީން ތައްޔާރުވެވަޑައިގެންފިއެވެ. ރާއްޖެ ދެ ބަޔަކަށް ބައްސަވާލައްވައިގެން ހިންގަވަން ހަމަޖެހިފައިވާ މި މަޝްރޫޢުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 45 ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމް ޤާއިމްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ފައްޓަވާ ވާރޭ ފެން ނަގާ ރައްކާކުރުމުގެ މަޝްރޫޢު ކުރިއަށް ހިންގަވަން ނިންމަވާފައިވަނީ، އުތުރުގެ 25 ރަށަކާއި، ދެކުނުގެ 20 ރަށެއްގައެވެ. މަޝްރޫޢު އަމާޒުކުރެވިފައިވާ 45 ރަށުގެ ތެރެއިން، 44 ރަށަކީ އާބަދީގައި ދެހާސް މީހުން ހަމަނުވާ ރަށްރަށެވެ. މި މަޝްރޫޢުގެ ފައިދާ، މި ރަށްތަކުގައި ދިރިއުޅޭ 35،000 މީހުންނަށް ކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ރައްޔިތުންނަށް ރައްކާތެރި، ސާފު ބޯފެން ލިބިދެއްވުމާއެކު، ހޫނު މޫސުމުގައި ފެނަށްޖެހޭ މައްސަލަ ޙައްލު ކުރެއްވުމުގެ މަޤްޞަދުގައި އަޅުއްވާ މުހިންމު ފިޔަވަޅެއްކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރެއްވުން ކަމުގައި ވިޔަސް، ފެނުގެ ނިޒާމްތައް ރަށްރަށުގައި ޤާއިމްވަންދެން އެފަދަ ރަށްރަށަށް ރައްކާތެރި ބޯފެން ލިބިދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. 45 ރަށެއްގައި ކުރިއަށް ގެންދަވާ ވާރޭ ފެން ރައްކާކުރުމުގެ މަޝްރޫޢަށް އދ. ގެ " ގްރީން ކްލައިމެޓް ފަންޑުން" ފައިސާ ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގްރީން ކްލައިމެޓް ފަންޑުން މި މަޝްރޫޢަށް ދީފައިވަނީ 23.6 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ. މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ 4.5 މިލިއަން ޑޮލަރެވެ. އަދި ޔޫ.އެން.ޑީ.ޕީންވެސް ސަތޭކަހާސް ޑޮލަރުގެ ހިލޭ އެހީ މި މަޝްރޫޢަށް ވަނީ ދީފައެވެ.

މިއަހަރުގެ ތެރޭގައި މި މަޝްރޫޢު ފެށޭނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިހާރު ވަނީ މި ޑިޒައިން އެންޑް ބިލްޑް އުޞޫލުން މިމަސައްކަތް ކޮށްދޭ ކޮންޓްރެކްޓަރަކު ހޯއްދެވުމަށް ފިނޭންސް މިނިސްޓްރީން ޢިއުލާންކުރައްވާފައެވެ.