ޚަބަރު

ފުވައްމުލަކުގައި ރޯދައިގެ ކުރިން އިތުރު އިންޖީނެއް އިންސްޓޯލްކުރަނީ


  • މިއީ 1.2 މެގަ ވޯޓްގެ އިންޖީނެއް

  • މިވަގުތު ޚިދުމަތް ދެމުން އަންނަނީ 9 އިންޖީނު ބޭނުންކޮށްގެން

ރަމަޟާންމަހުގެ ކުރިން ފުވައްމުލައް ސިޓީގައި އިތުރު އިންޖީނެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. މިއާއެކު ފުވައްމުލައް ސިޓީގެ ކަރަންޓް ކެޕޭސިޓީ އިތުރުވެގެންދާނެއެވެ.

ފުވައްމުލައް ސިޓީގައި ގޭބީސީގެ އަދަދަކީ 4036 އެވެ. އެ ސިޓީގެ އާބާދީ 13،000 އިން މައްޗަށް އަރައެވެ. ރަމަޟާންމަހަކީ ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށްވެސް އިތުރުވެގެންދާ މަހެކެވެ. އެހެންކަމުން ކުރިއަށްއޮތް ރަމަޟާންމަސް ފެށުމުގެ ކުރިން ފުވައްމުލައް ސިޓީގައި އިތުރު އިންޖީނެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ އިންޖީނިއަރ އަޙްމަދު ރަފީޤް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ ރަމަޟާންމަސް އައުމުގެ ކުރިން އިތުރު އިންޖީނެއް އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. މިއީ 1.2 މެގަ ވޯޓްގެ އިންޖީނެކެވެ. އެހެންކަމުން އިންޖީނު ގެނެސް ބެހެއްޓުމަށް ބޭނުންވާ ތަން އިމާރާތްކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

"ލަފާކުރެވެނީ ރޯދަމަހު ގާތްގަނޑަކަށް 6.5 މެގަވޯޓަށް ކަރަންޓް އަރާނެކަމަށް. މިހާރުގެ ކެޕޭސިޓީއަކީ 6 މެގަވޯޓް." ރަފީޤް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ފުވައްމުލައް ސިޓީގައި މިވަގުތު ޚިދުމަތް ދެމުން އަންނަނީ 9 އިންޖީނު ބޭނުންކޮށްގެންނެވެ. މި ހުރިހައި އިންޖީނަކާއެކު ކަރަންޓް ކެޕޭސިޓީ 8 މެގަ ވޯޓަށް އަރައެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުން ބުނީ، ކަރަންޓްގެ މައްސަލައަކީ އެ ސިޓީއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް އަލަށް މި އިންސްޓޯލްކުރާ އިންޖީނާއެކު ރައްޔިތުން އެދޭފަދަ ބަދަލެއް އަންނާނެކަމަށް އުންމީދުކުރާކަމަށެވެ.

ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންނާއި އެކިއެކި ބޭނުންތަކަށް ވަރަށް ގިނަ އަދަދަކަށް ދިވެހިންވެސް ދަތުރުކުރާ އަދި ދިރިއުޅެމުން އަންނަ ސިޓީއެކެވެ. ފެނަކައިން ވިދާޅުވީ، ކުރިއަށްއޮތް ރަމަޟާންމަހު ކަރަންޓް އިޤްތިޞާދުކުރުމަށް އާންމު ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދޭކަމަށެވެ.