ޚަބަރު

ދަހަރެއްގެ ތެރޭގައި ސަޢޫދީގެ ބިނާރަށް އަމާޒުވި އެންމެ ނުރައްކާތެރި ހަމަލާތައް!


ސަޢުދީ ޢަރަބިއްޔާގެ ބިނާރަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކަކީ ފާއިތުވި 10 އަހަރު ދުވަހު އެ ޤައުމަށް ކުރިމަތިނުވާވަރުގެ ގެއްލުން ބޮޑު ހަމަލާތަކެކެވެ. ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ދީފައެވެ.

ޙޫޘީން ދިން ހަތަރުވަނަ ހަމަލާ ދީފައި ވަނީ ރިޔާޟްގައި ހުންނަ ކިންގ ޚާލިދް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށެވެ. އެ ހަމަލާގައި 14 މީހުން މަރުވެ، 300އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނާއި އެ ޤައުމުގައި މަސައްކަތްކުރާ އެެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނާއި ޕައިލެޓެއް ހިމެނެއެވެ. ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން ބުނީ ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ޙާލު ދެރަ ކަމަށެވެ. ހަމަލާއާ ގުޅިގެން ކިންގ ޚާލިދް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ވައިގެ ބަނދަރަށް ލިބުނު ގެއްލުންތައް ވަޒަންކޮށް، ސަލާމަތީ ކަންކަން ބަލަމުންނެވެ.

ޙޫޘީންގެ ހަަމަލާތައް އެ ޤައުމުގެ އަބްހާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ވެސް އަމާޒުވެފައިވެއެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރާމްކޯގެ މަރުކަޒުތަކަށް ވެސް ހަމަލާތައް ދީފައިވެއެވެ. ވައިގެ ބަނދަރުތަކަށް ހަމަލާތައް ދެމުންދާނެ ކަމުގެ އިންޒާރު ޙޫޘީން ދީފައިވާއިރު، ގިނަ ޢަދަދެއްގެ ބައިނަލްއަޤްވާމީ އެއާލައިންތަކުން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާއާއި ކެނެޑާއާއި ޖަރުމަނުވިލާތާއި ސްޕެއިންގެ އެމްބަސީތަކުން ވަނީ ހަމަލާތައް އަމާޒުވެފައިވާ ވައިގެ ބަނދަރުތައް މެދުވެރިކޮށް ދަތުރުނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

މިއީ ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުމެކެވެ. 2015 ވަނަ އަހަރު ސަޢޫދީން ޔަމަނުގެ ހަނގުރާމައަށް ވަދެ، ޞަންޢާއިން ޙޫޘީން ބޭރުކުރަން ފެށި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ. އދ މެދުވެރިވެ 2022ވަނަ އަހަރު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުން މި ހޫނުމޫސުމުގައި ރޫޅުމާއެކު، ޙޫޘީން ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސަޢޫދީގެ މަދަދު ލިބޭ ޔަމަނުގެ ސަރުކާރުން އެ ސަރަޙައްދު މިނިވަންކުރަން އޮޕަރޭޝަނެއް ފަށާފައިވާއިރު، ޙޫޘީން ވަނީ ޔަމަނުގެ ތަޢިއްޒު ޙިޞާރުކޮށްފައެވެ.