ތަރައްްޤީ

ބްރިޖުގެ ރިވެޓްމަންޓްގައި ޖަހާ ބްލޮކްސްތައް ހަދަން މިމަހު ފަށަނީ


ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ހުޅުލެއާވީ ކޮޅުގައި ޖަހާ ރިވެޓްމަންޓަށް ބޭނުންވާ، ބިޔަ ކޮންކްރީޓް ބްލޮކްތައް ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ޖަހާ އެންމެ އަގުބޮޑު، އަދި އެންމެ ތަފާތު ރިވެޓްމަންޓް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑިޒައިންގައިވާ ގޮތުން، ބްރިޖްގެ މާލެއާވީ ކޮޅާއި، ހުޅުލެއާވީ ކޮޅުގައި ބިޔަ ރިވެޓްމަންޓެއް ޖެހުމަށް ހަމަޖެހިފައިވެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ ހެދުމަށް ނިންމާފައިވަނީ ހުޅުލެއާވީ ކޮޅުގައި ހަދާ ރިވެޓްމަންޓެވެ.

img:http://s4.psmnews.mv/images/660x400/14740294284072.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހުޅުލެއާވީ ކޮޅުގައި ހަދާ ރިވެޓްމަންޓަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ހެދުމަށް ހަމަޖެހިފައިވަނީ އެކްރޮޕޮޑްސްގެ ބައްޓަމަށެވެ. އެކްރޮޕޮޑްސްގެ ބައްޓަމަށް ހުންނަ މި ގަލަކީ ހިލަ ބޭނުންކޮށްގެން ހަދާފައި ހުންނަ ހަތަރު ފައިލީ ބިޔަ ގާތަކެކެވެ. ބްރިޖް މަޝްރޫޢުގެ ދަށުން ހަދާ އެކްރޮޕޮޑްސްތަކަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބިޔަ އެކްރޮޕޮޑްސްތައްކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚަރަދުގެ ގޮތުން ބަލާއިރުވެސް، އެކްރޮޕޮޑްސް ހެދުމަކީ ބޮޑު ކަމެއްކަން ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.

ހުޅުލެއާވީ ކޮޅުގައި ރިވެޓަމަންޓް ޖެހުމަށް ބޭނުންވާ އެކްރޮޕޮޑްސް ހެދުމަށް، ހުޅުލޭ ކޮޅުން ބިމެއް ހަމަޖެހި، މިމަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް، ބްރިޖްގެ ކޮންޓްރެކްޓަރ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރއިން އަންނަނީ ތައްޔާރުވަމުންނެވެ.

"ހުޅުލޭ ކޮޅުގައި ޖަހާ ރިވެޓްމަންޓްގެ މަސައްކަތް ކުރުމަށް، ހުޅުލޭ ކޮޅުން އިތުރު ބިމެއް މިވަނީ ލިބިފައި. މިއީ ބްރިޖްގެ ސައިޓަށް ހުޅުލޭ ކޮޅުން ލިބިފައިވާ ބިމުގެ އިތުރަށް ލިބިގެން ދިޔަ ބިމެއް. ބިން ހަމަޖެހުމާއެކު މި މަހުގެ ތެރޭގައި އެކްރޮޕޮޑްސް ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި މިވަނީ" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14740293967305.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހައުސިން މިނިސްޓަރ ވިދާޅުވީ، އެކްރޮޕޮޑްސް ހެދުމަށް ހުޅުލެއިން، ވަކި ބިމެއް ލިބިފައިވާކަމަށާޢި މިއީ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށާއި، މިކަމުގެ ސަބަބުން ތާވަލް ކުރެވިފައިވާ ތާރީޚަށްވުރެ ކުރިން އެކްރޮޕޮޑްސްތައް ހެދޭނެ ކަމަށެވެ.

"އެކްރޮޕޮޑްސްތަކުގެ މަސައްކަތް ފެށުމަކީ، ހުޅުލޭ ކޮޅުން ހަދާ އެޕްރޯޗް ބަރިޖްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެހީއަކަށް ވާނެ ކަމެއް. މިއީ ސީދާ ކޮންޓްރެކްޓަރ އަޅުގަނޑުމެންނަށް ދީފައިވާ މަޢުލޫމާތު" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ރިވެޓްމަންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބްރިޖާގުޅޭ އިތުރު މަސައްކަތްތައްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކޮށްލެވޭ. މިވަގުތު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި، ޓްރެސްލް ބްރިޖްގެ އެންމެ ފަހުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން އަސްލު ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.