ތަރައްްޤީ

30 އަހަރަށްފަހު މާލޭގެ މަގުތައް އަލުން ހަދަން ފަށަނީ


ރާއްޖޭގެ އާބާދީގެ ތިންބައި އެއްބައިކުޅަ އެއްބައި ކަމުގައިވާ، 150،000 މީހުން ދިރިއުޅޭ ވެރިކަން ކުރާރަށް މާލޭގެ މަގުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ، އަޅާނުލެވި ދޫކޮށްލެވިފައިވާ މަންޒަރެވެ. ގާތައް ހަލާކުވުމާއި، މަގުތައް ލެވެލް ނުވުމުގެ ޝަކުވާ އަކީ މަގުތައް ބޭނުންކުރާ މީހުން ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

މަގުތަކުގެ ޙާލަތު މިފަދަ ގޮތަކަށް އޮއްވާ، ސަރުކާރުން މިހާރު މިވަނީ މާލޭގެ މަގުތައް ދެވަނަ ފަހަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫއު އިފްތިތާޙް ކުރައްވާފައެވެ. މާލޭގެ ބޮޑު 11 މަގެއް، ހެދުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މަގުތައް ރީޑިވެލޮޕް ކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އުނދަގޫ ނުވާނެހެން، މަޝްރޫޢު ކުރިއަށްގެންދިއުމަށެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު 2018 ވަނަ އަހަރަށް ނިމިގެންދާއިރު، މަގުތަކުގެ ޙާލަތު ބަދަލުވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"މަގުތައް ލެވެލް ނުވުމުން މަގުތައް ބޭނުން ކުރާ ފަރާތްތަކަށް، ޚާއްޞަކޮށް ފެންބޮޑުވުމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބިގެންދާނެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި، ފެށިގެންދާ މަޝްރޫޢެއް" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ޢީދު ބަންދަށްފަހު، މަޖީދީމަގުގެ މަސައްކަތް ފެށުމަށް ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސްއިން ދަނީ ތައްޔާރުވަމުންނެވެ. މަޖީދީމަގު ނުވަ ބަޔަކަށް ބަހާލުމަށް ނިންމާފައިވާއިރު، ދެ ހަފްތާއިން ބްލޮކެއް ކަވަރ ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

"ޝެޑިއުލް ކުރެވިފައިވަނީ ކޮންމެ ދުވަހަކު 20 ގަޑިއިރު މަސައްކަތް ކުރުމަށް. މިގޮތަށް މަސައްކަތް ކޮށްގެން ބަންދުކުރެވޭ ކޮންމެ ބައެއް ދެ ހަފްތާއިން ނިންމާލެވޭނެ. ފުރަތަމަ ޕޭވްމަންޓް. ދެން ލެވެލްކޮށްކޮށް ގާ ޖަހާނީ. މަސައްކަތް ކުރިއަށްދާ ވަގުތު ބަންދު ކުރާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވެހިކަލްތައް އެހެން ސަރަޙައްދުތަކުގައި ޕާކް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. 

މަގުތައް ހެދިގެންދާއިރު، ފުރިހަމަ ބަދަލުތަކެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޕޭވްމަންޓް ގާތައް، ހުޅުމާލޭގައި ހުންނަ ޑިޒައިނަށް ބަދަލުވެގެންދާއިރު، ޕޭވްމަންޓްގެ ގާތައް ނުނުގާ ކޭބަލް ވަޅުލެވޭ ގޮތަށް މަގުތައް ވަނީ ޑިޒައިން ކުރެވިފައެވެ. އަދި ޕޭވްމަންޓް ޑިޒައިން ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މަގު ބޭނުން ކުރުމުގައި ލުއި ފަސޭހަ ވާނެ ގޮތަކަށެވެ. އުޅަނދުތަކަށް ޚާއްޞަ ބައިގައި މިހާރު ހުރި ގާތައް ނެގުމަށްފަހު، ބިންގަނޑު ލެވެލް ކުރުމަށްފަހު، އާ ގާ އެތުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ފެންހިންދާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވޭއިރު، މި ބަދަލުތަކުގެ ނަތީޖާއަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާޢިމީ ޙައްލެއް ލިބިގެންދިއުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

"މި ގެންނަ ބަދަލުތަކާއެކު އާ ޑްރެނޭޖް ސިސްޓަމެއް ހަރުކުރެވޭނެ. ކާނުތައް ހޮޅި އަޅައިގެން ވަޅު ލެވޭއިރު، މި ޑްރެނޭޖް ޓޭންކްތައް ބޮޑުވާނެ. އަދި މަގުތައް  ލެވަލް ކުރެވުމުން ފެން ހިންދުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ކޮންމެއަކަސް މާލޭގެ މަގުތަކަށް ގެނެވޭ މި ބަދަލަކީ މަގުތައް ބޭނުންކުރާ އެންމެންގެ ޝަކުވާތަކަށްވެސް ނިމުން ގެނުވާނެ ބަދަލުތަކެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި މިއީ މާލޭގެ މަގުތަކުގައި ގާ ޖެހިތާ، 30 އަހަރުފަހުން، މަގުތަކަށް ގެނެވޭ އެންމެ ބޮޑު ބަދަލުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.