ޚަބަރު

ކެންސަރަށް ރާއްޖޭގައި ދެވޭ ފަރުވާގެ ނިޒާމު ދަނީ ވަރުގަދަވަމުން


  • ބަލި ދުރާލާ ދެނެގަތުމަށް ސްކްރީނިންގެ ނިޒާމުވަނީ ވަރުގަދަވެފައި

  • ކެންސަރަށް މަގުފަހިކުރުވާ ދުންފަތާދެކޮޅަށް ރާއްޖެއިންވަނީ ބޮޑު ފިޔަވަޅެއް އަޅާފައި

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނަ އެއް ބައްޔަކީ ކެންސަރެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސްދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.

ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް މަސައްކަތްކުރާއިރު އެންމެ އިސްކަމެއް ދޭންޖެހެނީ ބަލި ޖެހުމުގެ ކުރިން، ދުރާލާ ރައްކާތެރިވުމަށް މަސައްކަތް ކުރުމަށެވެ. މިކަމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ.

ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ރާއްޖޭގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްވެސް ދަނީ އިތުރުކުރަމުންނެވެ. ހަމައެއާއެކު ބައްޔަށް ދެވޭ ފަރުވާގެ ފެންވަރުވެސް އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު އަމްރު އަޙްމަދު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކާ އަޅާބަލާއިރުވެސް ރާއްޖޭގެ ފަރުވާގެ ނިޒާމުގައި ބައެއްކަންކަން ރަނގަޅުކަމަށެވެ.

އެގޮތުން އެއްވެސް މީހެއް ތަފާތުކުރުމެއް ނެތި، ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ރާއްޖެއިން އަދި ރާއްޖެއިން ބޭރުންވެސް ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގައި ކުރެވޭކަން ޑރ. އަމްރު ފާހަގަކުރެއްވިއެވެ.

"ބައެއް ކަންކަމުގައި ލަސްތަކެއް ހުރިނަމަވެސް ބައެއް ކަންކަމުގައި އަސްލު ދިވެހީން ވަރަށް ޕްރިވިލެޖްޑް. މިސާލަށް ސިންގަޕޫރު ކަހަލަ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބަލި މީހާއަށް ހުށައަޅާނީ ފަރުވާގެ ނިޒާމުގައި އެކި ޕެކޭޖްތައް. އެއަށްފަހު އެމީހެއްގެ ފެންވަރުން ބުނަނީ ޚިޔާރުކުރަން މާލީގޮތުން ތަނަވަސްކަން ހުރި ވަރަކުން އެޕެކޭޖެއް. ރާއްޖޭގައި ދެރަ މީހާއެއް މޮޅު މީހާއެއް ބެލުމެއް ނެތި ހުރިހާ އެންމެނަށްވެސް ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމެއްވަނީ ޤާއިމުވެފައި. އެއީ އަސްލު ވަރަށް ބޮޑު ޕްރިވިލެޖެއް." ޑރ. އަމްރު ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ވާހަކައިގެ ތެރެއިން އާންމުންގެ މެދުގައި އެންމެ ކަންބޮޑުވާ ކަމަކީ ފަރުވާއަށް ހަމައެކަނި މާލެއަށް ބަރޯސާވާންޖެހުމެވެ. މިކަމަށް އިޝާރާތްކުރައްވާ ސިއްޙީ ވުޒާރާގެ ހެލްތު ސަރވިސްގެ ޑިރެކްޓަރ، ޑރ. އަޙްމަދު އަޝްރަފް ވިދާޅުވީ، އަތޮޅުތަކުގައި ކެންސަރު ދެނެގަތުމަށް ހަދާ ސްކްރީނިންގ ވަރުގަދަކޮށް، ފަރުވާގައި މުހިއްމު ބައެއްކަމުގައި ހިމެނޭ ކީމޯ ތެރަޕީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ސަރުކާރުން މިހާރުވަނީ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް ހުޅުވާލާފައި. ވަކި ޢުމުރަކުން ފެށިގެން ކެންސަރ ދެނެގަތުމަށް ހަދާ ޓެސްޓުތައްވެސް ހިމެނޭހެން. އަތޮޅުތަކުގައި މިހާރުވެސް ސްކްރީނިންގައި ހިމެނޭ މެމޮގްރާމްގެ ޚިދުމަތްދެވޭނެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައިވެސް. އަތޮޅު ހޮސްޕިޓަލްތަކުން ބ.އަތޮޅު ހޮސްޕިޓަލްގައި އެޚިދުމަތްދެވޭނެ. އަތޮޅު ހޮސްޕިޓަލްތަކަށްވެސް ޚިދުމަތް މިދަނީ ފުޅާކުރަމުން." ޑރ. ޢަޝްރަފް ވިދާޅުވިއެވެ.

ހަށިގަނޑުގައި ތަފާތު ކަމެއް ފާހަގަކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު!

ރާއްޖޭގައި ދުރާލާ ކެންސަރު ރައްކާތެރިވުމުގެ މަގުތައް ފަހިވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. މިގޮތުން އަންހެނުންނަށް ކުރިމަތިވާ ސަވައިކަލް ކެންސަރ ނުވަތަ ކުރިމަތީފަރާތުގެ ދޮރަށް ޖެހޭ ކެންސަރަކީ އެޗްޕީވީ އިންފެކްޝަންގެ ސަބަބުން ޖެހޭ ބައްޔަކަށްވާއިރު އެޗްޕީވީ ވެކްސިން ޤައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނާ، ޢުމުރުން 9 އަހަރާއި 14 އަހަރުގެ ކުދިންނަށް މިވެކްސިންދެވޭކަން ފާހަގަކުރެވެއެވެ.

ކެންސަރަ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުވަމުންދާކަންވެސް ސިއްޙީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. އެގޮތުން ހަށިގަނޑުން ތަފާތުކަމެއް ފާހަގަވުމުން ޑޮކްޓަރަށް ދައްކާ ނިސްބަތް އިތުރުކަން ފާހަގަކުރައްވައެވެ. އެގޮތުން ހަށިގަނޑުގެ އެކި ތަންތަނުގައި ގޮށްލުމާއި، ހުން އައުމާއި ކެއްސުން އަދި ބަނޑުގައި ރިހުން ފަދަ ކަންކަމަކީ އެކަންކަމާމެދު ސަމާލުވާންޖެހޭކަންކަމެވެ. މީގެއިތުރުން ހިންދިރުވުމުގައި ތަދު އިޙްސާސްވުމާއި، ގޭސްޓްރިކްޓް މައްސަލަ ކުރިމަތިވެ ދިގުމުއްދަތެއް ހޭދަވުމާއި މިފަދަ ކަންކަމަށް ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ.

ފަރުވާގެ ނިޒާމު ހަރުދަނާވެފައިވާއިރު ބައްޔަށް މަގުފަހިކުރާ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުމެވެ. އަދި ހެލިފެލިވެ އުޅުމާއި ދުރުހެލުވުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުމާއި، ތައްޔާރީ ކާނާއާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެއްޗާއި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޭނުންކުރުން އާންމުވެފައިވުމަކީ ކެންސަރު ފަދަ ބަލިތަކަށް މަގުފަހިކުރާ ދިރިއުޅުމުގެ އާދަތަކެވެ. ދުޅަހެޔޮ ކަންކަމަތީ ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާއިރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކުން ކުރާ އެންމެ ބޮޑު އިލްތިމާސަކީވެސް ދުޅަހެޔޮ އާދަތަކެއް އަށަގެންނެވުމެވެ. ބަލި ޖެހުމުގެ ކުރިން ސަމާލުވުމެވެ. ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމެވެ.