ތަރައްްޤީ

އައު ޑްރެޖަރެއް ގެނެސް، މުލީ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި


މ.މުލީ ބިން ހިއްކުމުގެ މަޝްރޫޢު އަވަސް ކުރުމަށްޓަކައި އައު ޑްރެޖަރެއް ގެނެސް، ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާކަމަށް އެ މަސައްކަތް ކުރަމުންދާ، މެލޭޝިޔާގެ އެވޯޝަން ކުންފުނިން ބުނެފިއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އެވޯޝަންގެ ކަންޓްރީ މެނޭޖަރ އަސަދު ﷲ މުޙައްމަދު ވިދާޅުވީ، ކުރިން ބޭނުންކުރަމުންދިޔަ ޑްރެޖަރަށް މައްސަލަތަކެއް ކުރިމަތިވެ، މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލަށް ގެނެވުނު ޑްރެޖަރާއެކު، މިހާރު މަސައްކަތް ދެގުނަ ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. ކުރިން ބޭނުންކުރި ޑްރެޖަރުން ވެލި ނެގުމުގައި ދަތި ތަކެއް ހުރުމާއެކު، އެކަށީގެންވާ ބާރުމިނުގައި މަސައްކަތް ކުރިއަށް ނުގެންދެވޭތީ، ނިންމަންޖެހޭ ތާރީޚަށް މަސައްކަތް ނިމިފައިނުވާކަންވެސް އަސަދު ﷲ ފާހަގަކުރެއްވިއެވެ. މިހާރު ހިއްކާފައިވަނީ 23 ހެކްޓަރުގެ ބިން ކަމަށާއި، އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އަސަދު ﷲ ވިދާޅުވިއެވެ.

މުލީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މ އަތޮޅު މުލީގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް 99 މިލިއަން ރުފިޔާއަށް ސަރުކާރުން ޙަވާލު ކުރައްވާފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. ނަމަވެސް އެކުންފުނިން ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމާއެކު، މުލީ ބިން ހިއްކުންވަނީ ސަބް ކޮންޓްރެކްޓް އުޞޫލުން ތައިލެންޑްގެ އެވޯޝަން ކުންފުންޏާއި ވަނީ ހަވާލުކުރައްވާފައެވެ.

މި މަޝްރޫޢަކީ މުލީގައި ބިމުގެ ދަތިކަން ކުރިމަތިވެ ރަށަށް އިތުރު ބިން ބޭނުންވާތީ، ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މަޝްރޫޢު ނިމިގެންދާއިރު، މުލީގެ ބިމުގެ ބޮޑުމިން 80 ހެކްޓަރަށް އިތުރުވެގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.