ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖްގެ މަގުތަކާއި، ކަރަންޓާއި، ފެނާއި ނަރުދަމާ


މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ މަގުތަކާއި، ކަރަންޓާއި، ފެނާއި، އަދި ނަރުދަމާގެ މަސައްކަތް، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖް، ތަރައްޤީކުރެއްވުމުގެ މަޝްރޫއަކީ މާލޭގެ ރައްޔިތުންނާ ގުޅުންހުރި ވަރަށް ޚާއްސަ މަޝްރޫޢެކެވެ. މާލޭގައި އުފެދޭ ކުނި މެނޭޖްކުރާ މަރުކަޒަކާއި، މާލެ ތެރޭގައި ހުރި ކެމިކަލް ގުދަންތައް މި ވިލެޖަށް ބަދަލު ކުރެވިގެން ދިއުމުން ކުންޏާއި، ކެމިކަލްތަކުން ރާއްކާތެރިވުމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިގެންދާނެއެވެ. ސިނާޢީ ސަރަޙައްދެއްގެ ގޮތުގައި، 4.5 ހެކްޓަރުގެ ބިން ހިއްކަވަން ބަޖެޓް ކުރެއްވި ނަމަވެސް، މިދިޔަ މިނިވަން ދުވަހަށް ބިން ހިއްކާ ނިމުނުއިރު، ސަރުކާރުން ވަނީ ބިމުގެ ޖާގަ އިތުރުކޮށް 6.9 ހެކްޓަރުގެ ބިން ހިއްކަވާފައެވެ.

މި މަޝްރޫޢާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ހިނގާ ސެޕްޓެމްބަރު މަހާއި، އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި މިވިލެޖްގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް، އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"ވިލެޖްގައި ތާރު އަޅައިގެން ހަދާ މަގުގެ މަސައްކަތާއި، ކަރަންޓާ ފެނާއި، ނަރުދަމާގެ މަސައްކަތް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނެފައި އެވަނީ. މި ކަންތައްތައް ނިމުމުން، ވިލެޖްގެ މަސައްކަތް އޮޕަރޭޝަނަށް ގެނެވޭނެ." ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި ހަދާ ވޭސްޓް ޔާޑް ނުވަތަ ކުނި މެނޭޖްކުރާ ސަރަޙައްދުގައި ކުރަން ހުރި މަސައްކަތްތައް ނިންމުމަށްފަހު، އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ބިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ޙަވާލުކުރައްވާނެ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. އަދި ގުދަންތަކަށް ޚާއްސަ ސަރަޙައްދުން ބިންތައް ދޫކުރެއްވުމުގައި އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ފެށިފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ބިން ހިއްކުމުގެ ތެރެއިން އަލަށް އިތުރު ކުރެވުނު 2 ހެކްޓަރުގެ ބިމުން ޖާގަ ދެވިގެންދާނީ މާލެތެރޭގައި ހުރި ކެމިކަލް ގުދަންތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.