ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުގެ ބޭރުތޮށީގެ 45 އިންސައްތަ ނިމިއްޖެ


މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޭރުތޮށި ހައްދަވަމުން ގެންދަވަނީ، ކުރީގައި އޮތް ވަރަށްވުރެ ރައްކާތެރިކަން ލިބޭގޮތަށް، ދެ ފޫޓް އުސްކޮށް ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ، އަލަށް ހައްދަވާ ތޮށި ފަރުމާކުރައްވާފައިވަނީ އުދައެރުމުގެ ފުރުޞަތު ވިހާވެސް ކުޑަވާގޮތަށް ކަމަށެވެ. ތޮށިލުމުގެ މަސައްކަތުގެ 45 އިންސައްތަ މިހާރުވެސް ނިމިފައިވާ ކަމަށާއި، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ތޮށި، ފުރިހަމަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14675640557862.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

އިންޑަސްޓްރިއަލް ވިލެޖް މަޝްރޫޢުގައި ހިމެނޭ، ނެރުގެ މަސައްކަތް ޖަޕާނުގެ ކޮންސަލްޓަންޓުން ދީފައިވާ ލަފާގެ މަތިން ކުރިއަށްގެންދާއިރު، އައު ނެރުގެ ފައިކަށި ހެދުމުގެ މަސައްކަތް ފެއްޓެވުމަަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފަހުންކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

"އަލަށް ކެނޑި ނެރަކީ، ޖަޕާން ސަރުކާރުން ކުރިން، ތޮށިލިއިރުވެސް ކަނޑާގޮތަށް ޑިޒައިން ކޮށްފައިވާ ނެރެއް. އެ ނެރު ކެނޑުމުގައި އޭރު މަސައްކަތް ކުރެއްވި ކޮންސަލްޓަންޓް ދީފައިހުރި ލަފާގެ މަތިން އަޅުގަނޑުމެންވެސް އެ މަސައްކަތް މި ކުރަނީ. ތޮށި ލުމާއެކު، ނެރުގެ ފައި ކަށި ލުމުގައި ރާއްޖޭގައި މިހާތަނަށް ބޭނުން ނުކުރެވޭ ވަރުގެ ބިޔަ ހިލަ ބޭނުން ކުރަމުން މިދަނީ" ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

މަސައްކަތް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް ކުރިމަތިވަމުންދަނީ، ހިލަ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށާއި، ނަމަވެސް އެ މައްސަލައަށް އަވަސް ޙައްލެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި  އިންޑަސްޓްރިއަލް ވިލެޖްގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދަނީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.