ތަރައްްޤީ

ބްރިޖަށް ދައްކަންޖެހޭ 12.6 މިލިއަން ޑޮލަރު ވަނީ ދައްކާފައި


ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 12.6 މިލިއަން ޑޮލަރު، މި މަޝްރޫޢު ކުރިއަށްގެންދާ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހަބަރ އިންޖިނިއަރިންއަށް ދައްކަވައި ޚަލާޞްކުރައްވާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބްރިޖް މަޝްރޫއަށް 210 މިލިއަން ޑޮލަރު ހޭދަވާއިރު، މި މަޝްރޫޢަށް އެންމެ ބޮޑު ފަންޑެއް ހަމަޖައްސައިދީފައި ވަނީ ޗައިނާ ސަރުކާރުންނެވެ. ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ، އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާ ސަރުކާރުން އެހެން އެއްވެސް މަޝްރޫޢަކަށް އިސްކަންނުދޭ މިންވަރަށް ބްރިޖް މަޝްރޫޢަށް އިސްކަން ދޭކަމަށެވެ. img:http://s3.psmnews.mv/images/660x400/14610560894764.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަކީ، ޗައިނާ ސަރުކާރުން މި ވަގުތަށް އެންމެ އިސްކަންދީފައިވާ މަޝްރޫޢުކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާ ސަރުކާރާއެކު އޮތް ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ބްރިޖްގެ އަގަށް ބަދަލުގެނެސް، މަޝްރޫޢު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ، ބައެއް މީޑިޔާތަކާއި، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް މިނިސްޓަރ ވަނީ ދޮގުކުރައްވައި، މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް އަންގަވައިދެއްވާފައެވެ. 210 މިލިއަން ޑޮލަރުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 12.6 މިލިއަން ޑޮލަރު ކޮންޓްރެކްޓަރަށް ދައްކަވާފައިވާ ކަމަށާއި، ފައިސާގެ ކަމެއްގައިވެސް، އަދި އެހެން ކަމެއްގައިވެސް މައްސަލައެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބްރިޖްގެ މަޝްރޫޢުގެ ފަންޑިންގެ 94 އިންސައްތައަކީ ޗައިނާ ސަރުކާރުން ހަމަޖައްސައިދީފައިވާ ފަންޑެވެ. މީގެތެރޭގައި ހިމެނެނީ ހިލޭ އެހީގެ ގޮތުގައި 124 މިލިއަން ޑޮލަރާއި، ލުއި ލޯންގެ ގޮތުގައި 73.4 މިލިއަން ޑޮލަރެވެ.

"އެންމެންނަށްވެސް އެނގިގެންދާނެ، ބްރިޖްގެ މަސައްކަތަކީ، ރާއްޖޭގެ އެހެން އެއްވެސް ޢުމްރާނީ މަޝްރޫޢެއް ކުރިއަށްނުދާ ބާރު ސްޕީޑްގައި ކުރިއަށްދާ މަޝްރޫޢެކަން.. އަދި މިއީ ޤައުމީ ލެވެލްގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިފައިވާ މަޝްރޫޢު.. ރާއްޖެއާ އެއްގޮތަށް ޗައިނާ ސަރުކާރުންވެސް އެންމެ އިސްކަންދީފައިވާ މަޝްރޫޢަކީ ބްރިޖްގެ މަޝްރޫޢު.. މިގޮތަށް ކުރިއަށްދާ މަޝްރޫޢެއްގައި މައްސަލަތައް ޖެހިގެންކަމަށް މިދެކެވޭ ވާހަކަތަކަކީ އޭގައި ޒައްރެއްގެ މިންވަރަށްވެސް ޙަޤީޤަތް އެކުލެވޭ ވާހަކަތަކެއް ނޫން." ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭގައި ތިބޭ ބަޔަކަށް ބްރިޖްގެ މަސައްކަތްތައް ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް ދުވާލާއި ރޭގަނޑު މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އެވަނީ ޓްރަސަލް ބްރިޖްގެ ބޮޑު ބައެއް ނިމިފައި.. މިއާއެކު މިހާރު ކުރިއަށްދާ ގިނަ މަސައްކަތްތައް ކުރިއަށްދަނީ ޓްރަސަލް ބްރިޖްގެ ދެކުނު ފަރާތުގައި. އެއީ އަސްލު ބްރިޖްގެ ތަނބުތައް ޖެހުމުގައި ބޭނުންކުރާ އަށިތަކެއް އެޅުމުގެ މަސައްކަތް.. އެ އަށިތައް މިހަދަނީ ޓްރަސަލް ބްރިޖްގައި ތިބެގެން އަށިތައް ބޭނުން ކުރެވޭގޮތަށް.. އެހެންވީމާ މާލޭގައި ތިބޭ ބަޔަކަށް އެ މަންޒަރުތައް ނުފެންނާނެ." ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖްގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، މިއަހަރުގެ ފަހު ކުއާޓަރގައި ކުރިއަށް ރާވާފައިވާ ހުރި ބައެއް މަސައްކަތްތައް ހައުސިން މިނިސްޓަރ ޙިއްޞާކުރެއްވިއެވެ. މިހާރު އެންމެ ބާރަށް ކުރިއަށްދާ ވަގުތީ ބްރިޖްތަކާއި، ޕްލެޓްފޯމްތަކުގެ ހުރިހާ މަސައްކަތްތަކެއް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަސްލު ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި، އެ މަސައްކަތް ތާވަލްކުރެވިފައިވާ ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ.

"އަސްލު ބްރިޖްގައި 7 ތަނބު ހިމެނޭއިރު، ކޮންމެ ތަނބެއްގައި 5 ޕައިލް ހިމެނޭ.. އެއީ ޖުމްލަ 35 ޕައިލް.. މި ޕައިލްތަކުގެ ތެރެއިން، މިއަދުގެ ނިޔަލަށް 4 ޕައިލް ޖަހާފައިވޭ. ޑިސެމްބަރު މަސް ނިމޭއިރު، އިތުރު 26 ޕައިލް ޖެހިގެންދާނެ." ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ޝެޑިއުލަށްވުރެ ކުރީގައި ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް، ސަރުކާރުން ބޭނުންވަނީ 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބްރިޖްގެ މަސައްކަތް ނިންމުން ކަމަށާއި، ޗައިނާ ސަރުކާރާއި، ކޮންޓްރެކްޓަރވެސް މަސައްކަތް ކުރަމުންދަނީ އެ ރޫޙްގައި ކަމަށް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.