ހދ.ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ. ޞިއްޙީ ވުޒާރާގެ ފަރާތުން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓްމަންޓާއެވެ.
ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމްގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެރަށުގެ ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ ޢިމާރާތް ތަރައްޤީކުރުމަށް އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1.7 މިލިޔަން ރުފިޔާއަށެވެ.
މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީއެވެ.
ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތްފެށުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން pic.twitter.com/3qSaDqvLDW
— Ministry of Health (@MoHmv) December 10, 2025
މިމަޝްރޫޢުގެ ދަށުން ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ހަދާ އިމާރާތުގައި ޑެންޓަލް ރޫމަކާއި އެކްސްރޭ ރޫމެއްގެ އިތުރުން ކޮންސަލްޓޭޝަން ރޫމެއް ހިމެނޭނެއެވެ.
ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެރަށްރަށުން ލިބެން ނެތް ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އަދި ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމުގެ 50 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދި ސަރަޙައްދީ ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.