ތަރައްްޤީ

ޢީދު ބަންދަށްފަހު މާލޭގެ 11 މަގެއް ހެދުމުގެ މަސައްކަތް ފަށަނީ


މާލޭގެ މަގުތައް ރީޑިވެލޮޕް ކުރުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ 11 މަގެއް ރަނގަޅު ފެންވަރަށް ހެދުމުގެ މަސައްކަތް ޢީދު ބަންދަށްފަހު ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ރީޑިވެލޮޕް ކުރުމުގެ މަޝްރޫއަކީ، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ، މަގުތައް ބޭނުން ކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށްޓަކައި، ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ މާލޭގެ މަގުތަކުގައި ގާ ޖެހުމަށް 1980 ގެ ކުރީކޮޅު ކުރިއަށްގެންދިޔަ މަޝްރޫއަށްފަހު، މަގުތަކުގެ ގާތައް ބަދަލުކޮށް، މަގު ހެދުމަށް ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. 

img:http://s4.psmnews.mv/images/660x400/14674548423305.jpg|މާލޭ ބޮޑުތަކުރުފާނު މަގު- މިމަގު ވަށައިގެން ތާރު އެޅުމަށް ވަނީ ނިންމާފައި

މި މަޝްރޫޢުގެ މައުލޫމާތު ޙިއްސާ ކުރައްވަމުން، ހައުސިން މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވީ، ޢީދު ބަންދަށްފަހު މަޝްރޫޢު ފެށިގެންދާނެ ކަމަށާއި، ހެދުމަށް ކަނޑައެޅި 11 މަގަކީ، އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެގާރަ މަގުކަމަށެވެ. ބޮޑު ތަކުރުފާނު މަގުގައި ތާރު ޖެހުމަށް ނިންމާފައިވުމާއެކު، މި އެގާރަ މަގުގެ ތެރޭގައި އެ މަގު ހިމަނާފައެއް ނުވެއެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތަކީ އެހެން މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދާ މަޝްރޫއެއްކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ފުރަތަމަ ފިޔަހީގެ ދަށުން ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވާ 11 މަގަކީ، މަޖީދީ މަގާއި، އަމީނީ މަގާއި، ކަނބާ އައިސާ ރަނި ހިނގުމާއި، ޗާންދަނީ މަގާއި، އޯކިޑްމަގާއި، ލޮނުޒިޔާރަތް މަގާއި، ހަވީރީ ހިނގުމާއި، ހަނދުވަރީ ހިނގުމާއި، އަމީރު އަހްމަދު މަގާއި، ބުރުޒު މަގުގެ އިތުރުން އިއްޒުއްދީން މަގެވެ.  

img:http://s3.psmnews.mv/images/660x400/14684955236840.jpg|ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ، އެންމެ ފުރަތަމަ ހެދިގެން ދާނީ މަޖީދީ މަގު ކަމަށާއި، އެމަގުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށިގެންދާނެ ކަމަށެވެ. އަދި މަގުތައް ހެދިގެންދާއިރު، އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، އަލިފާން ނިންވާ ސިސްޓަމްތަކެއް ހަރުކުރުމެވެ.

މާލޭގެ މަގުތައް ހެދުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން، ޕަބްލިކް ވޯކްސްއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއު ކޮންޓްރެކްޓަކާ ހަވާލު ނުކުރުމަށް ނިންމީ، މިނިސްޓްރީން ކުރާނަމަ، މަސައްކަތުގެ ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭތީ ކަމަށްވެސް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.