ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމަކީ ކުދި ރަށްތަކުގައި ކުރިނަމަވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެ ފަދަ ނިޒާމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވީ ދަނޑުވެރިން، އެމްގެޕްއަށް އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ އެމްގެޕްއަށް އަހުލުވެރިކުރުވުގެ މި ވޯކްޝޮޕަކީ ހަމައެކަނި ތަމްރީނު ޕްރޮގްރާމަކަށްވުރެ މާ މުހިންމު މަސައްކަތެއްކަމަށެވެ. މިއީ ޤައުމުގެ ދަނޑުވެރިކަމުގެ ދަތުރުގައި އައި މުހިންމު ބަދަލެއްގެ ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ހަމައެކަނި މިދިޔަ އަހަރަށް ބެލިޔަސް ޕީޑީއެސްއޭއީ މަޝްރޫޢުގެ ދަށުން 50 ދަނޑުވެރިން ތަމްރީނުކޮށްފައިވާކަމަށެވެ.
2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ށ. ގޮއިދޫ އައިލެންޑް ފާމާސް ފޯރަމްގެ 10 މެމްބަރުން އެމްގެޕް އޮޑިޓް ކާމިޔާބުކޮށް ސެޓިފިކެޓު ހޯދަވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ށ. ގޮއިދޫ ވެފައިވަނީ ރާއްޖޭގައި އެމްގެޕްގެ 5 މޮޑިއުލްއާއެކު ސެޓުފިކެޓު ލިބުނު ފުރަތަމަ ރަށުގެ ގޮތުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މިއީ ތާރީޚީ ކާމިޔާބެއްކަމަށާއި މި ކާމިޔާބީތަކުން ދައްކުވައިދެނީ ހިތްވަރާއެކު މަސައްކަތްކޮށް އެކަށީގެންވާ އެހީތެރިކަމާއެކު އެމްގެޕް ސެޓިފިކެޓު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަނޑުވެރިންނަށް ހާސިލް ކުރެވިދާނެކަންކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މި ތަމްރީނަށް ފަހު ބައިވެރިން ރަށްރަށަށް އެނބުރި ވަޑައިގަންނަވަންވާނީ ހެޔޮ ބަދަލު ގެނުވާނޭ ސަފީރެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކޮންމެ ގޭބިސީއެއްގެ ކޮންމެ ސުފުރާއަކަށް ރައްކާތެރި ކާނާ ފޯރުކޮށްދެވިދާނެ ގޮތްތައް ހޯދައިގެންކަން ވިދާޅުވިއެވެ.
ދަނޑުވެރިންނަށް ލިބޭ އާމްދަނީން ފުދުންތެރި ދިރިއުޅުމެއް ހޯދޭނެ މަގުތަކާއި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކަންމަތީ ބޭއްވޭނެ ފަދަ ދަނޑުވެރިކަމުގެ އުކުޅުތަކުގެ ތަމްރީނު ދަނޑުވެރިންނަށް ފޯރުކޮށްދެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ލިބޭ ޞިއްޙީ ރައްކާތެރިކަން ޔަޤީންވެގެންދާނެކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ކުރިޔަށްދާއިރު ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެމްގެޕްއަކީ ހަމައެކަނި ކަރުދާހުގައިވާ ޝިއާރުތަކެއް ނޫންކަން. މިއީ އަޅުގަނޑުމެންގެ ދަނޑުވެރިންނަށް ލިބޭ ޝަރަފެއް، އަޅުގަނޑުމެންގެ ބާޒާރުން ކާނާ ގަންނަ ފަރާތްތަކަށް ލިބޭނެ ޞިއްޙީ ރައްކާތެރިކަމުގެ ޔަޤީންކަމެއް" ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މިއީ ރަށްރަށަށް މޫސުމީ ބަދަލުތަކުން އަތުވެދާނެ ނުރައްކަލުން ސަލާމަތްވާން ލިބޭ ހިތްވަރަކާއި ބާރެއްކަމަށެވެ. އަދި މިއީ ކުދި ރަށްރަށުގައި ކުރާ ދަނޑުވެރިކަންވެސް ބައިނަލްއަގުވާމީ ފެންވަރަށް ގެނެވިދާނެކަން ސާބިތުކޮށްދޭ ފުރިހަމަ ނިޒާމެއްކަމަށެވެ.
މި ފަހަރުގެ އެމްގެޕްއަށް އަހުލުވެރިކުރުވުމުގެ ވޯކްޝޮޕްގައި 22 ރަށަކުން 55 ދަނޑުވެރިން ބައިވެރިވެއެވެ. މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓިފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާ ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު ސްކީމެކެވެ.
މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް އެމްގެޕް ސްކީމުގެ ދަށުން، ދަނޑުވެރިކަން ކުރުމުގައި ވަށައިގެންވާ މާޙައުލާއި، އަމިއްލަ ސިއްޙަތު އަދި އުފައްދާ ތެކެތީގެ ފެންވަރު ރަނގަޅުވާނެކަން ކަށަވަރުކޮށްދެއެވެ.