ތަރައްްޤީ

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ބިން ތަރައްޤީކުރުމުގެ ފުރުޞަތު


ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ގެދޮރުވެރިކަމަށާއި ވިޔަފާރީގެ ބޭނުންތަކަށް، ބިން ތަރައްޤީ ކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ޕްރައިވެޓް ޕްރޮޕަޓީގެ ގޮތުގައި ބިންތައް ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވިފައިވާ ކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕޮރޭޝަން އެޗް.ޑީ.ސީން ބުނެއެވެ. ޕްރައިވެޓް ޕްރޮޕަޓީ ތަރައްޤީ ކުރުމަށް ހުޅުވާލާފައިވަނީ، ރޯ ހައުސްއާއި، ފްލެޓްފަދަ ތަންތަން ތަރައްޤީ ކުރުމަށާއި، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ތަރައްޤީ ކުރުމަށެވެ. މީގެ ތެރެއިން ރޯ ހައުސް އާއި، ފްލެޓްތައް ހެދުމަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ. އަދި ވިޔަފާރިތަކަށް ހުޅުވާލުމުގެ ބޭނުމަކީ، ވިޔަފާރިތައް ހިންގަމުން އަންނަ ފަރާތްތަކުގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ހިތްވަރު ދިނުމާއެކު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގުފަހިކޮށް ދިނުމެވެ. ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ޕްރައިވެޓް ޕްރޮޕަޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ޕްރޮޕޯސަލް ހުށައެޅޭނެ ކަމަށް އެޗް.ޑީ.ސީގެ ފިނޭންސް ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.

"މި 2 ކެޓަގަރީ ހިމެނޭގޮތުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށްވެސް އެބައޮތް. ޕްރޮޕޯސަލްތައް އިވޭލުއޭޓްކުރާ ކޮމެޓީން އެ ޕްރޮޕޯސަލެއް އިވޭލުއޭޓް ކުރުމަށްފަހު، ރަގަޅު ޕްރޮޕޯސަލެއް ނަމަ ހުއްދަ ދޭނަން." އެޗް.ޑީ.ސީގެ ފިނޭންސް ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.

ޕްރައިވެޓް ޕްރޮޕަޓީތައް ތަރައްޤީ ކުރުމަށް މިހާރުވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އަދި 2 ވަނަ ފިޔަވަހީގައި ޕްރައިވެޓް ޕްރޮޕަޓީތަކަށް ޚާއްސަ ބިންތަކެއް ކަނޑައަޅާފައިވާއިރު، އެންމެ ފުރަތަމަ ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ވަނަ ފިޔަވަހީގެ ނެއިބަރހުޑް 1 ން ކަމަށް ޢަލީ ޝަރީފް ވިދާޅުވިއެވެ. މިހާރުވެސް ނެއިބަރހުޑް 1 ން 76 ބިމެއް ބީލަން އުސޫލުން ވިއްކުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ. މި ބިންތަކަށް ބިޑް ހުށައެޅުމުގެ ފުރުޞަތު އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. 1،000 އަކަފޫޓާއި، 1،800 އަކަފޫޓްގެ މި ބިންތައް ދޫކުރުމަށް ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 3،000 ރުފިޔާގެ ރޭޓުންނެވެ. މިގޮތުގެމަތިން އެންމެ މަތިން ބިޑް ހުށައަޅާ 76 ފަރާތަށް ބިންތައް ދޫކުރުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ.

ޕްރައިވެޓް ޕްރޮޕަޓީ ތަރައްޤީ ކުރާ ފަރާތްތަކަށްވެސް ބިމުގެ އަގު ދައްކަން ޖެހޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. ނަމަވެސް ޕްރައިވެޓް ޕްރޮޕަޓީތަކަށް ޚާއްސަކުރެވިފައިވާ ބިންތަކުގެ އަގުތައް އަދި ކަނޑައަޅާފައެއް ނުވެއެވެ.