ޚަބަރު

އޮމަދޫ ފެނުގެ ނިޒާމާއި ބަނދަރުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ނިންމައިދޭނަން: ރައީސް


  • 5 މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިދަތުރުފުޅުގެ ތެރެއިން ވަނީ ފަށާފައި

  • ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައި

އދ. އޮމަދޫގައި މިވަގުތު މަޑުޖެހިފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމާއި ބަނދަރުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. އޮމަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ މުހިންމު ޒިންމާއެއްގެގޮތުގައި ދެކެނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ވީހާވެސް އަވަހަކަށް ފުއްދަވައިދެއްވައި، އެކަންކަމުގައި ހަޤީޤީ ކުލަ ޖައްސައިދިނުންކަމަށެވެ. އެގޮތުން އޮމަދޫގައި މިއަދު ފެށުނު މަޝްރޫޢުތަކަކީވެސް ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާނެ މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އޮމަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢުގެ ތެރެއިން 4 ކްލާސް ރޫމުވެސް އިތުރުކުރެވޭނެކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސްކޫލު އިތުރަށް ކުރިއަރައިގެންގޮސް ދަރިވަރުންނާއި ޓީޗަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއިން ކޮންމެ ކަމަކީވެސް ރަށުގެ ރައްޔިތުންނަށް މުހިންމު ކުރިއެރުންތަކެއް ލިބޭނެ ކަންތައްކަތެއްކަން ޔަޤީން. މިއަދު މި ފެށުނު މަޝްރޫޢުތަކަކީވެސް ރައްޔިތުންނަށް ވަރަށް ބޭނުންތެރި މުހިންމު މަޝްރޫޢުތަކެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު އޮމަދޫއަށް އެންމެ ބޭނުންޖެހިފައިވަނީ މިވަގުތު މަޑުޖެހިފައި އޮތް ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އަވަހަށް ނިންމުންކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއްވެސް ދައްކާ ޚަލާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މަޝްރޫޢު އަވަހަށް ނިންމުމަށް ކޮންޓްރެކްޓަރަށް ބާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގެ މަޝްރޫޢުވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކޮށްދެއްވާކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

"ފެނުގެ ނިޒާމުގައި ބާކީ ކުރަންހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރަށް ބާރުއަޅާނަން. މި މަޝްރޫޢު ވީހާވެސް ގާތުން ސަރުކާރުން ބަލާނެ. ހަމައެހެންމެ ބަނދަރުގެ މަސައްކަތްވެސް އަވަސްކުރުމަށްޓަކާ މަސައްކަތްކޮށްދެއްވާނެކަމަށާއި ބަނދަރު ނިމިގެންދާއިރު ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ބަނދަރުގެ މަޝްރޫޢާއެކު އެކީގައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުން ހިމެނޭކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އޮމަދޫގައި ލޯކަލް ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު މި ރަށުގައިވެސް ޑޮލަރު އޭޓީއެމްއެއް ބެހެއްޓިގެންދާނެކަން ރައީސް ވަނީ އިޢުލާންކޮށްދެއްވާފައެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން މިއަހަރާއި އަންނައަހަރު އޮމަދޫގައި ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޮމަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައި އދ. އަތޮޅުގައި އޮންނަ ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅަކީ، އޮމަދޫ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ އެތަންތަން ސަރުކާރުން ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

1200 މީހުންގެ އާބާދީ ދިރިއުޅެމުންދާ އޮމަދޫއަކީ ގާތްގަނޑަކަށް 21 ހެކްޓަރުގެ ރަށެކެވެ. މިއަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން އޮމަދޫގައިވެސް އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރަމުންދަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއެވެ.