ޚަބަރު

ތިނަދޫގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް ފަރުވާ ދެނީ، ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި


  • އަނިޔާވެފައިވަނީ 6 އަހަރުގެ ފިރިހެން ކުއްޖަކަށް

  • ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް

ތިނަދޫ ސިޓީގައި އިއްޔެ ސައިކަލަކުން ކުޑަކުއްޖެއްގެ ގައިގައި ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެކްސިޑެންޓްވެފައިވަނީ ތިނަދޫގެ އާބާދީ ހިނގުމުން ހުޅަނގަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން މަގު ހުރަސް ކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 6:16 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 6 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ. އެކްސިޑެންޓްވުމުން އޭނާ މަޑުނުކޮށް އެތަނުން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ،

މި މައްސަލައާ ގުޅިގެން އެ ފިރިހެން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ދުއްވި ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުންދާ ސީސީޓީވީ ފުޓޭޖަކުން ކުޑަކުއްޖާ މަގު ހުރަސް ކުރަން އުޅުނު ވަގުތު ސައިކަލު އައިސް އެކުއްޖާގެ ގައިގައި ޖެހޭ މަންޒަރު ފެނެއެވެ. އަދި ކުއްޖާ ވިއްސައިގެން ގޮސް ޖެހޭ މަންޒަރާއި ސައިކަލާއި ސައިކަލު ދުއްވަން އިން މީހާވެސް ވެއްޓޭ މަންޒަރު ފެނެއެވެ.