ޓުއަރިޒަމް

އައްޑޫ ސިޓީ ގަމަށް ޑެނިޝް އެއަރގެ ޚާއްސަ ދަތުރުތަކެއް ފަށަނީ


އަންނަ ޑިސެމްބަރުމަހު ޑެންމާކުގެ ޑެނިޝް އެއަރއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޗާޓަރ ފްލައިޓްތަކެއް ފަށަން ހަމަޖެހިފައިވާކަމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ. ޑެނިޝްއެއަރގެ މި ފްލައިޓްގެ ދަތުރުތައް ފެށުމައް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ ވިހިވަނަ ދުވަހުއެވެ. 

ޖުމްލަ 18 ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ މި ޗާޓާ ފްލައިޓްތަކުގެ ފަހު ދަތުރު ކުރާނީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ އަށާރަވަނަ ދުވަހުއެވެ. އޭ ތްރީ ޓެވެންޓީ މަރުކާރުގެ މި ބޯޓަކީ 180 ޕަސިންޖަރުންގެ ބޯޓެކެވެ. 

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނީ މިފަދަ ޗާޓާ ފްލައިޓްތަކުގެ ސަބަބުން އެސަރަޙައްދުގެ ރިސޯޓްތަކަށް އަންނަ ފަތުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމުގައެވެ. މީގެ ކުރިންވެސް ޑެންމާކުގެ މިއެއަރލައިނުން ޗާޓާ ދަތުރުތަކެއް ރާއްޖެއަށް ވަނީ ކޮށްފައެވެ.