 
										
			އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ރާއްޖެއާއި އެކި ޤައުމުތަކާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. 
ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ފާއިތުވި ހުކުރު ދުވަހު 8 ޤައުމެއްގެ ޚާރިޖީ ވަޒީރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައްވެސް ހިމެނެއެވެ. 
ސާއޯ ޓޯމޭ އެންޑް ޕްރިންސިޕޭގެ ޚާރިޖީ ވަޒީރު ޑރ. އިލްޒާ މާރިއާ ޑޯ ސަންޓޯސް އަމާޑޯ ވާޒްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ވަޒީރުން ވަނީ ރާއްޖެއާއި ސާއޯ ޓޯމޭފަދަ ކުދި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އަލިއަޅުއްވާފައެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 
		
 
										
			ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނަޑައިންސްގެ ޚާރިޖީ ވަޒީރު ފްރެޑްރިކް ސްޓެފަންސަންއާވެސް ބައްދަލުކުރައްވާފައެވެ. 
މި ބައްދަލުކުރެއްވުމުގައިވެސް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް، ސިޑްސްގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. 
		
 
										
			ޓޫވަލޫގެ މިނިސްޓަރ ފޯ ޖަސްޓިސް، ކޮމިއުނިކޭޝަން އެންޑް ފޮރިން އެފެއަރޒް ޕޯލްސަން ޕަނަޕާއާވެސް އދ. ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. 
މި ބައްދަލުކުރެއްވުމުގައިވެސް ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްގީއަށް އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 
		
 
										ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ފިލިޕީންސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ސިޔާސީ ދާއިރާއިން ލަފާ ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ސިޔާސީ ދާއިރާއިން އިތުރު އެހީތެރިކަން އެ ޤައުމުން ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.
 
										ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަރޝަލް އައިލެންޑްސްގެ ޚާރިޖީ ވަޒީރު ކަލާނީ ކަނެކޯ އާއި ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހުރިއްދީނާއި ބުރުނާއީގެ ދެވަނަ ޚާރިޖީ ވަޒީރު ދަތޯ އެރީވާން ޔޫސޮފްއާވެސް ވަކިވަކިން ބައްދަލުކުރައްވައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
 
										
			މީގެ އިތުރުން އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ސުގިއޯނޯއާވެސް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބައްދަލުކުރައްވާފައެވެ. 
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 
		
 
										ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ މި ދަތުރުފުޅުގައި މީގެ ކުރިންވެސް ވަނީ އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ.