ށ.މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދޫގައި މިހާރު ބޭނުންކުރާ ބަނދަރަކީ، 2000ގެ ކުރީކޮޅުގައި އެރަށުގައި ހަދާފައި އޮތް ކުޑަ ބަނދަރެކެވެ.
1200އެއްހާ މީހުންގެ އާބާދީއެއް އޮންނަ ށ.މާއުނގޫދޫގައި ދިރިއުޅޭ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އެރަށުގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޮޑި އަޅާފައި ބާއްވާނެ ޖާގަ ނެތުމާއި، ފަޅު ތިލަވުމާއި، ފަޅު ގަދަވުމުގެ މައްސަލައެވެ.
މާއުނގޫދޫ ފަޅުތެރެ ގަދަވުމުގެ ސަބަބުން ބޯޓުފަހަރުތަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތައް މީގެކުރިން ލިބިފައިވެއެވެ. އެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން، ފަށްޓަވާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ވިދާޅުވީ، މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މުޅި މަޝްރޫޢުގެ ޖުމްލަ %75 މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މީގެއިތުރުން، އެމްޓީސީސީއިން ވިދާޅުވީ، މާއުނގޫދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހިލަތަކުގެ ތިންވަނަ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ.
މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.
ހަމައެއާއެކު، މި މަޝްރޫޢުގެ ދަށުން، 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 59.71 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
މާއުނގޫދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު، އެރަށުގެ މަސްވެރިންނަށާއި، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއ، އަދި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.