ޚަބަރު

ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު 7 ނޮވެމްބަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

  • ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާގޮތުގެ އުޞޫލު އާންމުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒަރާއިން ވިދާޅުވީ ތިނަދޫގައި ތަރައްޤީކުރަމުންދާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 7ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.


ތިނަދޫގައި ތަރައްޤީކުރަމުންދާ ރޯހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާގޮތުގެ އުޞޫލުގައި ވާގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެ ނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

މި ނޫނަސް މި އުޞޫލުގައި ގިނަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި އުޞޫލުގެ ދަށުން ޕޮއިންޓް ދިނުމުގެ މިންގަނޑު ތަރުތީބު ކުރުމުގައި ޢާއިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ޙާލަތަށް ބަލާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާޢީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ބަލާނެއެވެ.

ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައި، ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމަ ބެހޭ ވުޒާރާގެ ހުއްދަނުހޯދާ ކަމުން އެ އިޢުލާން ބާތިލްކުރިއެވެ.

ތިނަދޫގައި 200 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ.