ދިރިއުޅުމުގެ ބިޒީ ޝެޑިއުލްގައި ޢާއިލާތަކުން ތުއްތު ކުދިން މަސަލަސްކުރުމަށް އެންމެ އެކަށީގެންވާ ވަޞީލަތަކަށް ހަދާފައިވަނީ ސްމާޓް ގެޖެޓުތަކެވެ. އެހެންނަމަވެސް އެއީ ރަނގަޅުގޮތުގައި ނުބެލެހެއްޓިއްޖެނަމަ އޭގެ ނުރައްކާ ކުއްޖާގެ މުޅި ޢުމުރަށް ކުރުވާފަދަ ކަމެކެވެ. ކުޑަކުދިންނަށް ސްކްރީން ދޭންޖެހޭ ހަމަތަކެއް އޮންނައިރު ބެލެނިވެރިންނަށް އެގޮތަށް ކަންތައްތައް ކުރެވޭތޯ އެއީ ވިސްނާލަންޖެހޭ ކަމެކެވެ.
މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި އޮތްގޮތުން މިއަދު ގިނަ ގޭބިސީތަކުގައި ކުޑަކުދިންނާއި އެންމެ ގާތް އެއްޗަކީ، ސްމާޓް އެކި ގެޖެޓުތަކެވެ. ކުޑަކުދިންގެ ހެދިބޮޑުވުމުގައި ސްމާޓް ގެޖެޓުގެ ސަބަބުން ކުރާ އެދެވޭ ފައިދާއަށްވުރެ އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުދަނީ ބޮޑުވަމުންނެވެ.
ކުޑަކުދިންގެ ހެދިބޮޑުވުމާއި ގުޅޭގޮތުން ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ސްޕީޗު ލެންގުއޭޖް، ޕެތޮލޮޖިސްޓް އެންޑް އޯޑިއޮލޮޖިސްޓް ޝުވޭކާ ޞާލިޙް ވިދާޅުވީ، ސްކްރީން ދެއްކުމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމުގެ އެކި މަރުޙަލާގައި ހުރަސްކަތެއް ކުރިމަތިވާކަމަށެވެ. އެގޮތުން ވާހަކަދެއްކުމާއި، އެހެން މީހުންނާއި މުޢާމަލާތު ކުރުމާއި، ކަންކަމުގައި ސަމާލުކަން ދިނުމުގައި ގިނަ ކުދިންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ޢުމުރާ ނުގުޅޭ މަންޒަރު ދެއްކުމުން ކުދިންގެ އުޅުމަށް ބަދަލު އާދޭ. ބަސް ދަސްކުރަމުންދާ އެ އުމުރުގައި ބަސްތައް ކިޔުމަށް ނުވަތަ އަކުރު ކިޔުމަށް ދަތިވޭ." ޝުވޭކާ ވިދާޅުވިއެވެ.
ޝުވޭކާ ވިދާޅުވީ، ޒަމާން ބަދަލުވެ މިއަދު ގިނަ ގެބިސީތަކުގައި ކާގަޑިތަކުގައި އެއް ސުފުރާ މަތިން ކެއުމަކީ ވަރަށް ނުވާކަމެއްކަމަށެވެ. އެހެންކަމުން ކުދިންނަށް ކާންދިނުމުގައި ގިނަފަހަރު ސްކްރީނެއް ދައްކައިގެން ކުދިންނަށް ކާންދިނުން މަޖުބޫރުވެފައިވާ ފަދަ ޙާލަތެއް މުޖުތަމަޢުގައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަސްލު ވަރަށް މުހިއްމުކަމެއް ކޮންމެވެސް އެއްއިރު، ކާގަޑީގައި ޢާއިލާގެ އެންމެ އެކުގައި ކާން އެރުން. އޭރުން ސުފުރާ މަތީގައި އެކި ވާހަކަތަކުގެ ތެރޭގައި ސްކްރީނާއި ނުލާ ކުދިންނަށް ކަންކަން އެބަ ދަސްވޭ." ޝުވޭކާ ވިދާޅުވިއެވެ.
ޝުވޭކާ ވިދާޅުވީ، ކުދިންނަށް ސްކްރީން ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގައިޑްލައިންތަކެއް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ދޮޅުއަހަރުން ދަށުގެ ކުދިންނަށް އެއްވެސްގޮތަކަށް ސްކްރީން ދެއްކުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި ދޮޅުއަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކު 2 ގަޑިއިރަށްވުރެ އިތުރަށް ސްކްރީން ނުދެއްކުމަށްވެސް ގައިޑްލައިންގައިވަނީ ބަޔާންކޮށްފައެވެ.
ސްކްރީން ދެއްކުމުގެ ތެރޭގައި ރިކޯޑުކޮށްފައި ހުންނަ އެކުދިންގެ އަމިއްލަ ވީޑިއޯ ދައްކާ، އެމަޢުޟޫއަށް ވާހަކަދެއްކުމާއި، ޢާއިލާ މީހުންނަށްކުރާ ވީޑީއޯ ކޯލް ނުހިމެނެއެވެ.
ކުއްޖާގެ އުމުރާއި ނުގުޅޭހެން ގިނަ ވަގުތު ސްކްރީންގައި ހޭދަކުރާ ކުދިންގެ ކިބައިން ހެދިބޮޑުވުމުގައި ލަސްތަކެއް އަންނަކަން ދިރާސާތަކުންވަނީ ހާމަވެފައެވެ.
ވަރޗުއަލް އޯޓިޒަމްގެ ގޮތުގައި މިމައްސަލަ ފާހަގަވެފައިވާއިރު މިއީ އަސްލު އޯޓިޒަމެއް ނޫނެވެ. އެހެންނަމަވެސް ސްކްރީންގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ސިއްޙީ އެއްވެސް މައްސަލައެއް ނެތް ކުދިންގެ ކިބައިން އޯޓިޒަމް ހުންނަ ކުދިންނަށް ދިމާވާ ދަތިތައް ދިމާވެ ހެދިބޮޑުވުމުގައި ލަސްތަކެއް އަންނަކަންވަނީ ފާހަގަވެފައެވެ. އެގޮތުން ވާހަކަދެއްކުން ލަސްވުމާއި، އަކުރު ކިޔުމުގައި އޮޅުންއެރުމާއި، ސަމާލުކަން ނުދެވުމާއި މީހުންނާއި ގުޅިގެން ކަންކަން ކުރަން ނޭނގުންފަދަ ކަންކަން ކުރިމަތިވާކަންވަނީ ދިރާސާތަކުން ހާމަވެފައެވެ.
އެހެންކަމުން ކުދިންނަށް ޢުމުރާއި ނުގުޅޭ ފަދަ ވީޑިއޯތަކާއި، ގިނަ ވަގުތު ސްކްރީންގައި ހޭދަކުރުމަކީ ކުދިންގެ ހެދިބޮޑުވުމުގައި ޙާސިލުވާންޖެހޭ މުހިއްމުކަންކަން ހާސިލުކުރުމަށް ހުރަސްއަޅާކަމެކެވެ. ކުދިން އަތުން ސްކްރީން އަތުލާއިރު އެކުދިންނަށް އެވަގުތުގައި ކުރާނެ ޝައުގުވެރިކަމެއް ދެއްކުމަކީވެސް މުހިއްމުކަމެކެވެ. ހަމައެއާއެކު ސްކްރީން ދައްކާ ވަގުތު ކުދިންނަށް ފައިދާ ހުރި ރަނގަޅު ވީޑިއޯތައް ދެއްކުމަކީވެސް މުހިއްމުކަމެކެވެ.