ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045"، އެކުލަވައިލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށްތަކަށް ކުރާ ފުރަތަމަ ދަތުރު މާދަމާ މާލެ އަތޮޅު ގުރައިދުއަށް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މި ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ވިލުންތެރި ރާއްޖެ 2045" ގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ދަތުރުކުރުމަށް ނިންމާފައިވާ ރަށަކީ މާލެ އަތޮޅު ގުރައިދޫއެވެ. އެގޮތުން "ވިލުންތެރި ރާއްޖެ"ގެ ޓީމު މާދަމާ ގުރައިދޫއަށް ޒިޔާރަތްކޮށް ގުރައިދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ރާއްޖޭގެ ކުރިމަގާއި, ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާނެއެވެ.
މި މަޝްރޫޢުގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރުމަށް ވަނީ ރާވާފައެވެ. އަދި މި ބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު އަދި އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ޤާއިމްކޮށްފަވާ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާ، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފުރުޞަތު އޮންނާނެއެވެ.
"ވިލުންތެރި ރާއްޖެ 2045" ޕްލޭންއަކީ 2025 އިން 2045 އަށް އަމަލު ކުރަން ރަވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި، ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންގ ޚިޔާލާ ބައިވެރިވުން ހޯދައިގެން ކުރަމުންދާ މަސައްކަތެކެވެ. އަދި މި ޕްލޭންގެ އެއް އަމާޒަކީ 2040 ވަނަ އަހަރު އަންނަ އިރު, ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅެކެވެ.
މި ޕްލޭންގެ ބޭނުމަކީ ޤައުމުގައި ކުރެވޭ އެންމެހައި ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން, ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމާއި އެކަންކަމުން އަރައިގަނެވޭނެ ޤާބިލުކަން ހުރި ވިލުންތެރި ރާއްޖެ އެއް ބިނާކުރުމެވެ.
މި ޕްލޭނަކީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ސަރުކާރުން ތައްޔާރުކުރާ ޕްލޭނެކެވެ.