ޚަބަރު

ރުއް އިންދުމަށް ކައުންސިލްތަކުގެ ޝައުގުވެރިކަން ބޮޑު: ދަނޑުވެރިކަމާބެހޭ ވުޒާރާ


  • ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫގައި، ގދ. ފިޔޯރީގައި މިވަނީ 60 ރުއް އިންދާފައި

  • ޒަމާނުއްސުރެ ރުކަކީ ގެދޮރާއި، ކެއިންބުއިމާއި، އުޅުމާއި ގުޅިފައިވާ އެއްޗެއް

ރުއް އިންދާ އާލާކުރުމަށް ކައުންސިލްތަކުގެ ޝައުގުވެރިކަން ބޮޑުކަމަށައި މިހާތަނަށް 4 ރަށެއްގައި 60 ރުއް އިންދާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

60 ރުއް އިންދުމުގެ ހަރަކާތަކީ ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ސަރުކާރުން ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ލައްކައާއި ގާތްކުރާ އަދަދަކަށް ގަސް ވަނީ އިންދާފައިވެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސާބާގައި ހުޅުމާލޭގައި 60 ރުއް، އިންދުމުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މަރިޔަމް މާރިޔާ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވަނީ މި އިލްތިމާސް ފޮނުވާފައެވެ.

މިއާއެކު، ރާއްޖޭގެ އެކި ރަށްތަކުގައި މިވަނީ ރުއް އިންދަން ފަށާފައެވެ. މިގޮތުން ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫގައި އަދި ގދ. ފިޔޯރީގައި މިވަނީ 60 ރުއް އިންދާފައެވެ. މިކަމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުއް އިންދާ އާލާކުރުން އިތުރުމަކީ އުފެއްދުންތެރިކަން އިތުރުވުމާއެކު، ފެހިކަން އިތުރުކޮށްދޭނެ ކަމެއްކަމަށެވެ.

"މިއަދު އަޅުގަނޑު ވަރަށް އުފާވެއްޖެ. ގދ މަޑެވެލި، ލ. ފޮނަދޫ، އަދި ކ. ކާށިދޫ ނަމޫނާއަކަށް ބަލައިގެން އެހެން ރަށްތަކުންވެސް ރުއް އިންދާ އާލާ ކުރުމަށް އަޅުގަނޑު އެދެން. ރާއްޖޭގެ ހުރިހާރަށެއްގައި ރުއް އިންދާ އާލާކުރުން އިތުރުމަކީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުވުމާއި އެކު، ފެހިކަން އިތުރުކޮށްދޭނެ ކަމެއް." ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ޒަމާނުއްސުރެ ރުކަކީ ގެދޮރާއި، ކެއިންބުއިމާއި، އުޅުމާއި ގުޅިފައިވާ އެއްޗަކަށްވާއިރު މިއީ ރާއްޖޭގެ ސަގާފަތާއި އިގްތިޞާދުގައި އަގުނުކުރެވޭ ދައުރެއް އަދާކުރާ އެއްޗެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރުކުގެ ކާނާއިން މޭވާއާއި ބުއިން ލިބޭއިރު އޭގެ ފަނަކީ ބޯހިޔާވަހިކަމާއި ހިފައިގެންގުޅޭ ތަކެތި ހެދުމަށް ބޭނުންކުރެވޭ އަގުހުރި ގުދުރަތީ މަސްދަރެއްކަމަށްވެސް ވަޒީރު މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިން ބެލިނަމަވެސް ރުކުގެ ދައުރު ނުހަނު ބޮޑުކަން ވަޒީރު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައި މިވަނީ ރާއްޖޭގެ ރުއްގަހަށް ޖެހޭ ބަލިތައް އިތުރުވެ ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ. ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.