ޚަބަރު

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދޮންފަނުގައި މިއަހަރު ފެށޭނެ: ރައީސް


  • މަޝްރޫޢުތަކާއެކު ރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަން ފާހަގަކުރެއްވި

ބ. ދޮންފަނުގެ ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމުންކަމަށްވާތީ، އެކަމަށް ޙާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންގޮސް ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ދޮންފަނުގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އެއީ ރައްޔިތުންނަށް އުންމީދުތަކެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުތަކެއްކަމަށެވެ. އެހެންކަމުން މިހާތަނަށްވެސް މަސައްކަތްކުރެއްވީ އެ ވަޢުދުތައް ފުރިހަމައަށް ފުއްދުމަށްކަމަށާއި، މިހާތަނަށް އައިއިރު ގިނަ ކަންކަން ފެށުމަށް ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ދަތުރުފުޅުގައި ސޮއިކުރެވުނު ބަނދަރު ނެރު ބަދަލުކުރުމާއި މޫދަށްއެރޭ ސަރަހައްދު ތަރައްޤީކުރުމާއި ބިން ހިއްކުމުގެ އެއްބަސްވުމަކީ އެ މަސައްކަތްކުރުމަށް ވެފައިވާ ވަޢުދެއްކަމަށާއި، އެކަންކަން މިއަހަރު އަމަލީގޮތުން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން އެ ރަށަށް 13 ހެކްޓަރުގެ ބިން އިތުރުކުރުމުން ރަށުގެ ބިމުގެ ދަތިކަމަށް ހައްލު އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދޮންފަނު ސްކޫލަކީ ޖާގައިގެ ދަތިކަން އޮތް ސްކޫލެއްކަމަށާއި، އެ މައްސަލަތަކަށް ޒަމާންތަކެއްވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބު އަދި ލައިބްރަރީ މަޝްރޫޢުއާއެކު ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމާއެކު ތަޢުލީމީ ދާއިރާއިން ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންވީމަ އަޅުގަނޑު ވީ ވަޢުދުގެ 4 ކަމެއް ފެށިގެން މިދަނީ، އަދި އެބަހުރި ބައެއް ކަންތައްތައް. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީ ގެންނަން ވާނީ ވަޢުދުވެފައި، އެދާއިރާއިން ފުޓުބޯޅަ ދަނޑު ފެށިފައިވީނަމަވެސް އޮތީ ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމޭގޮތަކަށްނޫން. އަޅުގަނޑުމެން ދަނޑުގެ މަސައްކަތް މިފަށަނީ ހުރިހާކަމެއް ފުރިހަމަވާގޮތަށް. މި މަޝްރޫޢު އަޅުގަނޑުމެން ނިންމާލާނީ ފެންސާ ލައިޓުގެ މަސައްކަތާވެސް އެކީގައި.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދޮންފަނުގައި ފުޓްސަލް ދަނޑެއްވެސް ތަރައްޤީކޮށްދޭނެކަމަށާއި، އެއީ ހޭންޑް ބޯލް ކުޅެވޭގޮތަށް ދެ ކުޅިވަރަށް ޚާއްޞަ ސައިޒުގެ ތަނެއްގޮތަށް ތަރައްޤީކުރާ ތަނެއްކަމަށެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމުގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި، އަންނަ އަހަރު ވޮލީ ކޯޓެއް ތަރައްޤީކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްވެސް އެމަނިކުފާނު ވަޢުދުވެފައިވާކަމަށާއި، އެމަސައްކަތްކުރުމަށް އެގްރިމަންޓުގައި ސޮއިކޮށް ކުންފުންޏަކާ ހަވާލުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ ހުރިހާ ވަސީލަތްތައް ފުރިހަމަ އިމާރާތެއް ކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށާއި، އިންސާނީ ވަސީލަތް އިތުރުކުރުންވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

“ނަތީޖާއަކަށްވާނީ ސިއްޙީ ޚިދުމަތުގައި ރަނފަޅު ފެންވަރުގެ މަސައްކަތްތަކެއް ކުރެވުން" ރައީސް ވިދާޅުވިއެވެ.

މިވަގުތު ދޮންފަނަށް އޮތް އެންމެ ބޮޑު ދައްޗަކީ ފެނާއި ނަރުދަމާ ހުއްޓިފައި އޮތުންކަމަށާއި، އެކަމުގެ މައިގަނޑު މައްސަލައަކީ މަސައްކަތްކުރާނެ މުވައްޒަފުން ލިބުމުގެ ދަތިކަންކަމަށް ރައީސް ވިދާޅުވިއެވެ. ކުރިން އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ އެ މަޝްރޫޢު ހުއްޓިފައި އޮތުމުން، އެކަން އަލުން ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ހޯދައިގެންވެސް މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީއަށް މިހާރު އަންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ ނިމުމުން މަގުހެދުން ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ހުރިހާ މަޝްރޫޢުތަކާއެކު ރަށުގައި ހުރި ގިނަ މައްސަލަތައް ޙައްލު އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.