ޚަބަރު

މަގޫދޫ އެއަރޕޯޓް މަސައްކަތް ނުހުއްޓޭ؛ ކުރިއަށްދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް


  • ޖުމްލަ 48 ހެކްޓަރުގެ ބިން ހިއްކާނެ

  • މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއް

މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ އެއަރޕޯޓަށް ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިމަސައްކަތުގެ %36 ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މަގޫދޫ އެއަރޕޯޓް ހެދުމަށް ހިއްކާފައިވާ ސަރަޙައްދު، ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޖިއޯ ބޭގް ޖަހައިގެންނެވެ. އެމްޓީސީސީން ވިދާޅުވީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ %36 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން 3300 މީޓަރުގެ ސަރަޙައްދުގައި ޖިއޯ ބޭގް ރިމެންޓްމަންޓް ޖަހާނެއެވެ.

އެއަރޕޯޓަށް ބޭނުންވާ ބޮޑު ބައެއްވަނީ ހިއްކާ ނިމިފައެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައެވެ. ބިން ހިއްކުމުގެ މަސައްކަތްތަކުގެ %55 ވަނީ ނިމިފައެވެ.
މިމަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ.

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ކުރީކޮޅުއެވެ. މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މަޑުޖެހުނުނަމަވެސް، އެއަރޕޯޓްގެ މަސައްކަތް މި ދަޢުރުގެ ތެރޭގައި ނިންމައި ޚިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެއެވެ.

އެއަރޕޯޓްގެ އިމާރާތްތަކުގެ ގިނަ މަސައްކަތްތައް ވަނީ ނިންމާފައެވެ. އެގޮތުން އެއަރޕޯޓްގެ ފަޔަރަ ބިލްޑިންގެ އިމާރާތްކުރުމާ ގުޅޭ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. މީގެއިތުރުން ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް، އެކަމާ ގުޅޭ މަސައްކަތްތައް ވަނީ ފަށާފައެވެ. މުޅި މަޝްރޫޢަށްބަލާއިރު، އެއަރޕޯޓްގެ %50އަށްވުރެ ގިނަ މަސައްކަތް ވަނީ ނިމިފައެވެ.

ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.