މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައްދީ ނިންމާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ވުޒާރާއިން މިދިޔަ އަންގާރަދުވަހު ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ސަރުކާރުގެ ސަކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައެވެ.
ޓީވީއެމްއިން ގެނެސްދޭ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ތަޢުލީމީ ވުޒާރާއިން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ސަރުކާރުގެ ސަކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުންނަށް ޖާގަ ދިނުމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަލަށް ވަންނަ ދަރިވަރުންނާއި އަތޮޅުތެރެއިން މާލެއަށް ބަދަލުވާ ދަރިވަރުންގެ އަދަދު އިތުރުވެއެވެ. އެހެންކަމުން ސްކޫލްތަކުން ޖާގަ ކަށަވަރުކުރުމަށްޓަކައި ތައުލީމީ ވުޒާރާއިން އަންނަނީ ދުރާލާ މަސައްކަތް ކުރަމުންނެވެ.
ތަޢުލީމީ ވުޒާރާގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު ޢަލީ ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރަށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގްރޭޑް އެކަކަށް 2000އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށާއި 1800 އަށްވުރެ ގިނަ ދަރިވަރުން އެލްކޭޖީއަށް ވާންނާނެކަމަށް އަންދާޒާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުލް ވަލިއްޔު އަލީ ވިދާޅުވީ މާލެ ސަރަޙައްދުގެ ސްކޫލްތަށް ވަންނަން އެދޭ ހުރިހާ ދަރިވަރުންނަށް އެފުރުޞަތު ލިބޭނެކަމަށެވެ. އަދި އެއްވެސް ދަރިވަރަކު ބާކީނުކޮށް ދަރިވަރުން ދިިރިއުޅޭ ސަރަޙައްދުގެ ސްކޫލްތަކަށް އުޞޫލްގެ ތެރެއިން ޖާގަލިބޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ސްކޫލްއަށް ވެއްދުމަށް އެދި މިހާރުވެސް ގިނަ އެޕްލިކޭޝަންތަކެއް ލިބެމުންދާކަމަށާއި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައް ދަރިވަރުންނަށް ދިނުމަށްފަހު ބެލެނިވެރިންނަށް އަންގާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން ބެލެނިވެރިންނަށްވެސް އެކަީގެންވާ މުއްދަތެއް ލިބޭނެ އިތުރުކަންކަން ކުރުމަށް. މިއީ މިހާ ކުރިން މަސައްކަތް ކުރާ ބޭނުން. އެންމެނަށްވެސް ފަސޭހައިން ދަރިވަރުން ސްކޫލްއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުން. ސުކޫލްއަށް ދިއުމުގެ ކުރިން ބެލެނިވެރިންނާއި ދަރިވަރުންނަަށް އޮރިއެންޓޭޝަންއެއް އެބަދެން." އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު އަލީ ވިދާޅުވިއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހުޅުވާލާފަވަނީ 31 އޮގަސްޓްގެ ނިޔަލަށެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުށައަޅަންޖެހެނީ ހަމަ މި މުއްދަތުގެ ތެރޭގައެވެ. އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގެ ފުރުޞަތުވެސް މީގެތެރޭގައި ހިމެނެއެވެ.
ފޯމު ހުށައެޅޭނީ https://myoffice.moe.gov.mv/forms/id/2 ލިންކް މެދުވެރިކޮށެވެ. ދަރިވަރުން ސްކޫލްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަހަރުތަކަކަށް ފަހު އަންނަނ އަހަރަކީ ޖެނުއަރީ މަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ އަހަރެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1އަށް 2000އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފަވެއެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000އަށްވުރެ ގިނަ ކުދިން ގްރޭޑް 1އަށް ވަނީ ވައްދާފައެވެ. މިހާރު ކުރިއަށްދާ ދިރާސީ އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ.