ތަރައްްޤީ

ޑިފެންސްގެ އައު ޢިމާރާތަށް 80 މިލިއަން ރުފިޔާގެ އެހީއެއް ދީފި


ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް ބިނާކުރެއްވުމަށް އިންޑިޔާ ސަރުކާރުން 80 މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދީފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި އެހީއަކީ ކޯސްޓްގާރޑް ބިލްޑިންގ ހުރި ތަނުގައި، 10 ބުރީގެ ޢިމާރާތެއް ބިނާ ކުރެއްވުމަށް ދެއްވި އެހީއެއް ކަމަށާއި، ޢިމާރާތް ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް މިހާރު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. 

އިންޑިޔާގެ ހިލޭ އެހީގައި ބިނާކުރައްވާ މި ޢިމާރާތަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ޙަވާލުކުރައްވާފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ކުރިންވެސް ހަމަޖެހިފައި އޮތް އެހީއެއްނަމަވެސް، ދިވެހި ސަރުކާރުން އެދިވަޑައިގެންނެވިގޮތަށް ޢިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯސްޓްގާރޑް ބިލްޑިން ހުރި ތަނުގައި ޢިމާރާތްކުރައްވާ ޑިފެންސް މިނިސްޓްރީގެ އާ ޢިމާރާތަކީ، ސިފައިންނަށް ބޭނުންވާ ޒަމާނީ އެތައް ވަޞީލަތްތަކެއް ޤާއިމްކުރެވިފައިވާ ފުރިހަމަ ޢިމާރާތަކަށް ވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ. މި ޢިމާރާތް ބިނާކުރެއްވުމަށް އިންޑިޔާއިން އެހީ ދޭނެ ކަމަށް އިޢުލާންކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ނަމަވެސް ސަރުކާރުން ވަނީ މިދިޔަ އަހަރު މި ޢިމާރާތަށް ބައެއް ބަދަލުތައް ގެންނަވަން ބޭނުންވާ ކަމަށް އިންޑިޔާ ސަރުކާރަށް ހުށައަޅުއްވާފައެވެ. ރާއްޖޭގެ އަސްކަރިއްޔާއަށް އެންމެ ބޮޑެތި އެހީތައް ވަމުންދާ އެއް ޤައުމަކީ އިންޑިޔާއެވެ.