ޚަބަރު

މިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް


  • އާމްދަނީ އިތުރުވީ ފަތުރުވެރިންގެ އަދަދު އިތުރުވުމުން

  • މިދިޔަ އަހަރު ވަނީ މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ވަނީ 2.2 ބިލިޔަން ރުފިޔާ ލިބިފައެވެ.

ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.

މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް ވަނީ 1.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ އެ އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.1 އިތުރު އަދަދެކެވެ. 2024 ވަނަ އަހަރު ލިބޭނެކަމަށް މީރާއިން އަންދާޒާކޮށްފައިވަނީ 1 ބިލިޔަން ރުފިޔާއެވެ.

2023 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ.
އެހެންކަމުން މިދިޔަ އަހަރު ބަލައިގަތް އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %15 އިތުރުވެފައެވެ.

މީރާގެ ރިޕޯޓުގައި ޑިޕާޗަރ ޓެކްސް އިތުރުވެފައިވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %8.76 އިތުރުވެފައިވުމުންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރި ފަސިންޖަރުންގެ އަދަދު %10 އިތުރުވެފައިވުމަކީވެސް މި ޓެކްސްއިން ދައުލަތައް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް ވަނީ ބުނެފައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތައް ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %14.1 އިތުރު އަދަދެކެވެ.

2023 ވަނަ އަހަރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ބަލައިގަތް އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %14.3 އިތުރުވެފައެވެ.

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީތައް:

• އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
• ބިޒްނަސް ކްލާސް: ދިވެހިން - 60 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
• ފަސްޓް ކްލާސް: ދިވެހިން - 90 ޑޮލަރު / ބިދޭސީން - 90 ޑޮލަރު
• ޕްރައިވެޓް ޖެޓް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު

މީރާގެ ރިޕޯޓްގައި ބުނެފައިވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމުންކަމަށެވެ. 2024 ވަނަ އަހަރު ރާއްޖެއަށް ވަނީ 2،046،615 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.