ޚަބަރު

ޓްރެފިކް ޤާނޫނަށް އަމަލުކުރަން ފެށިފަހުން 653 މީހަކަށް ފިޔަވަޅު އަޅައިފި


  • މި ޤާނޫނަށް އަމަލުކުރަން ފެށީ މިމަހުގެ ފުރަތަމަ ދުވަހު

  • 183 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ ދަށުން މިހާތަނަށް 653 މީހަކަށް ފިޔަވަޅު އަޅައިފިއެވެ.
މި ޤާނޫނު އެކުލަވާލާފައިވަނީ، ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ފުލުހުން ވިދާޅުވީ، މި ޤާނޫނުގެ ދަށުން މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް ޤާނޫނާ ޚިލާފުވި 653 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި 183 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަމުންދާއިރު މިމަހުގެ މިހާތަނަށް 45 އެކްސިޑެންޓް ހިނގާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ޤާނޫނުގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ޤާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. ޤާނޫނުގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ، ޤާނޫނީ ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ، 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ ޖިނާޢީ ދަޢުވާ އުފުލިދާނެ ކަމަށާއި، 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކުރުމާއި ފަސިންޖަރުންގެ ސީޓުގައި ނެތް މީހަކާ ކޮންޓްރޯލް ހަވާލުކުރުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. މި ކުށުގެ އަދަބަކީ، 25،000 ރުފިޔާއާއި 50،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާއާއި، 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.

މި ޤާނޫނުގައި މަނާކޮށްފައިިވާ ކަންކަމުގެ ތެރޭގައި އުޅަނދެއް ވިއްކުމަށްފަހު ވެރިފަރާތް ބަދަލުނުކޮށް ދުއްވުމާއި، އަހަރީ ފީ ނުދައްކައި ދުއްވުމާއި، މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދުގައި އުޅަނދު ދުއްވުމާއި، ޕާކު ކުރުމުގެ އިތުރުން އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެއް މަގެއްގައި ނުވަތަ މަގުގެ އެއްލޭނުގައި އެއް ހަމައެއްގައި ތިބެގެން އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކުގައި ދުއްވުމާއި، ނެވިގޭޝަން ބޭނުމަށް ނޫންގޮތަކަށް މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން ހިމެނެއެވެ. މީގެ ތެރެއިން ކަމެއް ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އުޅަނދުތައް ރަޖިސްޓްރީނުކޮށް ދުއްވުމާއި، ލައިސަންސް ނެތި ދުއްވުމާއި، ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީވެސް މި ޤާނޫނުގެ ދަށުން މަނާ ކަމެކެވެ. އެގޮތުން ރަޖިސްޓްރީނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުޅަނދުގެ ވެރިފަރާތް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1،500 ރުފިޔާ އަދި ތިންވަނަ ފަހަރަށް 2،000 ރުފިޔާގެ ޖުރިމަނާ ކުރުމާއެކު އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު ދެގުނަވާ ގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި 30 ދުވަހުގެ މުއްދަތަކަށް އުޅަނދު ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވައިފިނަމަ ފުރަތަމަ ފަހަރު 2،000 ރުފިޔާ، ދެވަނަ ފަހަރު 3،000 ރުފިޔާ އަދި ތިންވަނަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އެއަށްވުރެ އިތުރަށް ޤާނޫނާ ޚިލާފުވެއްޖެނަމަ ޖޫރިމަނާގެ ދެގުނަ އިތުރުވާނެ ކަމަށާއި، އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނުގައިވާގޮތުން ރޯޑުވަރދިނަސް އައުނުކޮށް އުޅަނދު ދުއްވައިފިނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އިމަރޖެންސީ ސައިރެން އަޅަމުންދާ އުޅަނދަކަށް ހުރަސް އަޅައި، ކަފިހި ހުރަހުން މީހުންނަށް ހުރަސްކުރަން ޖާގަނުދީ ދުއްވައިފިނަމަ 1،500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ޓްރެފިކް ނިޝާންތަކާއި، ޓްރެފިކް ބައްތިއާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 1،000 ރުފިޔާ، ދެވަނަ ފަހަރަށް 1،500 ރުފިޔާ، 3ވަނަ ފަހަރަށް 2،000 ރުފިޔާ އަދި އެއަށްވުރެ އިތުރުވެއްޖެނަމަ އިތުރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާގެ ދެގުނަ އިތުރުވާގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ.

ޤަވާއިދާ ޚިލާފަށް ޕާކު ކުރުމާއި، މަގުމަތީގައި ހިނގާ ފަރާތްތަކަށް މަނާ ކަންކަންވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ޕާކުކޮށްފިނަމަ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯޅިތަކާއި، މަގު ކަންމަތިތަކާއި، ސްކޫލުތައް ކައިރީގައި ހުންނަ ޕާކިން ޒޯނުތައް ފިޔަވައި އެހެން ތަންތަނާއި، ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ޒޯނުތަކާއި ކަފިހި ހުރަސްގައި ޕާކުކޮށްފިނަމަ 1،500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތައް ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި އެހެން އުޅަނދެއް ޕާކުކޮށްފިނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މަގު ހުރަސްކުރުމާ ގުޅޭގޮތުން ކަނޑައަޅާ ހަމަތަކާ ޚިލާފުވެއްޖެނަމަ 100 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

މި ޤާނޫނުގައި ކުރުން މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ އެ މީހެއްގެ ލައިސަންސްގައި ޑީމެރިޓް ޕޮއިންޓް ރެކޯޑް ކުރެވޭނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އަމަލުކުރަންޖެހޭ މި ޑީމެރިޓް ސިސްޓަމްގެ ދަށުން ލައިސަންސްގައި ޕޮއިންޓް ރެކޯޑްވާ ފަރާތްތަކުން ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަންޖެހޭނެއެވެ.