ތަރައްްޤީ

އެލިއާ އިންވެސްޓްމަންޓުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް


އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ނެޝަނަލް އާޓް ގެލަރީގައި މިއަދު އިރުއޮއްސި ހައެއް ޖަހަންދެން ކުރިއަށްގެންދާ މިހަރަކާތަކީ އެކުންފުނީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެލިއާއިން މަޢުލޫމާތުދެއެވެ. މިއަހަރުގެ ލޭހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން އެލިއާ އިންވެސްޓްމަންޓުން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއާއި ގުޅިގެން ބާއްވާ މި ހަރަކާތުގެ މަޤްސަދަކީ، ލޭ ހަދިޔާ ކުރުމާ ގުޅޭގޮތުން ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙް އުފެއްދުންކަމަށް އެކުންފުނިން ބުނެއެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ އެލިއާ ކުންފުނިން ދައްކަމުންދާ މިސާލަށް ތައުރީފް ކުރައްވާފައެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ ގައުމަށް ވުމާއެކު، މިކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/14692613492240.jpg|ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް

ސަރުކާރުން ވަނީ ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް 2020 ވަނަ އަހަރުގެ ނިޔަލަށް ސަތޭކަ އިންސައްތަ އިތުރުކުރުމަށް ނިންމާވާފަައެވެ. މި އަމާޒަށް ވާސިލްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މި ރަސްމިއްޔާތުގައި ޑަބްލިއު.އެޗް.އޯގެ މަންދޫބް ޑރ އަރްވިންދު މާތުރު ވިދާޅުވިއެވެ. ތެލަސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް މަދުކުރުމުގައި އާންމުން ހޭލުންތެރިކުރުމަކީ މުހިންމު ކަމެއްކަމަށް ޑރ އަރްވިންދު ވިދާޅުވިއެވެ.

ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އެންމެ ގިނައިން ލޭ ހަދިޔާކުރި މީހުން ފާހަގަކޮށް، ހެލްތް މިނިސްޓަރ ވަނީ އެމީހުންނަށް ހަނދަނީ ލިޔުން ދެއްވާފައެވެ. 

އެލިއާއިން ވަނީ މިދިޔަ އަހަރުވެސް، ލޭ ހަދިޔާ ކުރުމުގެ ދެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ރާއްޖޭގެ ތަރީޚްގައި މިހާތަނަށް ބޭއްވުނު ލޭ ހަދިޔާ ކުރުމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަދުގެ ހަރަކާތް އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ކުރިއަށްގެންދާއިރު، ވީހާވެސް ގިނަ ބަޔަކު އާޓް ގެލަރީއަށް ވަޑައިގެން ލޭ ހަދިޔާ ކުރެއްވުމަށް އެލިއާއިން އެދެއެވެ. އަދި ލޭ ހަދިޔާ ނުކުރެވޭ ފަރާތްތަކުން ހަރަކާތާ ގުޅޭ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދެއްވުމަށްވެސް އެލިއާއިން އިލްތިމާސްކުރެއެވެ.