ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ %80 އަށްވުރެ ގިނަ މަސައްކަތް ނިމިފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިޔާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ.
ސަރުކާރުން އާމާޒުހިފާފަވަނީ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މުޅިން ނިންމުމަށެވެ. އެއަރޕޯޓް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިސާކުރައްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، މުޅި މަޝްރޫއުގެ %83 މަސައްކަތް މިހާރު ނިމިފަވާކަމަށެވެ.
މީހާތަނަށް އެއަރޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި އެއަރޕޯޓްއާއި ގުޅޭ މަގުގެ މަސައްކަތާ އެމްއެންޑީއެފް ބްލޮކްގެ ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖްތައްވެސް ހިމެނޭހެންނެވެ. މި މަސައްކަތްވެސް ވަނީ ނިމުމަކާ ގާތްވެފައެވެ.
ރަންވޭއަށްފަހު އެއަރޕޯޓްގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް މަސައްކަތަކީ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެވެ. "މަޑި"އެއް ސިފަވާގޮތަށް ކޮށްފައިވާ ރީތި ފަރުމާ، މިހާރު އެއަރޕޯޓްގެ މަލަމަތިން ފެންނަން ވަނީ ފަށާފައެވެ. ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަސައްކަތުގެ %72 މަސައްކަތް މިހާރު މުޅިން ނިމިފަވާކަމަށް ރީޖިނަލް އެއަރޕޯޓްސްއިން މަޢުލޫމާތުދެއެވެ.
މީގެއިތުރުން އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު، ފިއުލް ފަރމް، ހޭންގަރު، ކަރގޯއާއި އެރައިވަލް ޖެޓީގެ ގިނަ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރަނީ އަހަރަކު 1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައެވެ. އެއަރޕޯޓްގެ ރަންވޭއަކީ 2464 މީޓަރު ދިގު ރަންވޭއެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ސީ ޕްލޭން ޓަރމިނެލެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނި އުތުރުގެ މައި އެއަރޕޯޓްގެ ގޮތުގައެވެ. އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުތައި މިހާރުވެސް އެ އެއަރޕޯޓް ހިންގަމުން އައި ނަމަވެސް އެކަށީގެން ވަސީލަތްތައް ނެތުމާއި ޖާގައިގެ ދަތިތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރަށް ޚިދުމަތް ދިނުމުގައި އެތަށް ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ. މިހާރު ހަނިމާދޫ އެއަރޕޯޓުން ރާއްޖެއިން ބޭރަށް ބާއްވަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ހަފްތާއަކު އެއްފަހަރު ބާއްވާ ފްލައިޓެއް އެކަންޏެވެ. ނަމަވެސް އާ އެއަރޕޯޓް މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވޭނެއެވެ.
މި މަޝްރޫޢުއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.