ޚަބަރު

ސިނަމާލެ ބްރިޖަށް 7 އަހަރު، އިންސްޕެކްޝަންތަކުން ދައްކަނީ ހާލަތު ރަނގަޅުކަމަށް


  • ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރޭ

  • ބްރިޖް ޤާއިމުކުރީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްއިން

  • އިންސްޕެކްޓްކުރި ޗައިނާ ޓީމާއެކު ދިވެހި އިންޖިނިއަރުންގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފަ

ސިނަމާލެ ބްރިޖް ބޭނުންކުރާތާ 7 އަހަރުވީއިރުވެސް، އެ ބްރިޖްގެ ހާލަތު ރަނގަޅުކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުު ކޮންގް ޒިންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު ކޮންގް ޒިންހުއާ މިހެން ވިދާޅުވީ، ސިނަމާލެ ބްރިޖްގެ މެއިންޓަނެންސްގައި ހަރަކާތްތެރިވި ޗައިނާގެ އިންޖިނިއަރުންގެ ޓީމާ ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި ބްރިޖް ޤާއިމުކުރީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް، ސީ.ސީ.ސީ.ސީއިންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ނިމި ބްރިޖް ހުޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގައެވެ. މި ބްރިޖްގެ މަސައްކަތް 3 އަހަރާއި 11 މަސްތެރޭގައި ނިންމާލާފައިވާއިރު، އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން، އަދި ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް މި މަޝްރޫޢުގެ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.

ބްރިޖާ ގުޅިގެން އާންމުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔައިރު ބްރިޖު ރަނގަޅަށް ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. އެގޮތުން، މި ސަރުކާރުން ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިން މި ބްރިޖްގެ މެއިންޓެއިނަނަސް މަސައްކަތްތަކަށް ތަމްރީނު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުު ކޮންގް ޒިންހުއާ ވިދާޅުވީ، ސިނަމާލެ ބްރިޖްގެ އިންސްޕެކްޝަން މަސައްކަތުގައި އުޅުނު ޒުވާން ޓިމާއި ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި މި ޓީމުގެ އިންސްޕެކްޝަންތަކުން 7 އަހަރު ދުވަހު ބޭނުންކޮށްފައިވާ އަދި މިހާރުވެސް ބޭނުންކުރާ ބްރިޖަކާއި އަޅައި ބަލާއިރު މި ބްރިޖްގެ ހާލަތު ރަނގަަޅުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، ސިނަމާލެ ބްރިޖް އިންސްޕެކްޓްކުރި ޗައިނާ ޓީމާއެކު ދިވެހި އިންޖިނިއަރުންގެ ޓީމެއްވެސް ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި ކުރިއޮތްތާނގައި ގިނަ ދިވެހި ޒުވާނުންތަކެއް އިންޖިނިއަރުންނަށްވެ، މި ބްރިޖް މެއިންޓެއިންކުރުމުގައި ހަރަކާތްތެރިވާނެކަމަށް އުންމީދުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ.

މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދު ކުރިއެވެ. އޭގެ ތެރެއިން 100 މިލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިޔަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރު ޚަރަދުކުރިއެވެ.

ސިނަމާލޭ ބްރިޖަށް 7 އަހަރު ވާއިރު، އެ ބްރިޖަކީ އެތައް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ދެކުނު ހުވަފެނެއްގައި ކުލަ ޖެހުނު އަދި ތަރައްޤީގެ އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް މަގުފަހިކޮށްދިން ރާއްޖެއަށް މުހިންމު ބްރިޖެކެވެ.