ޚަބަރު

ކާޑެއްދޫ އެއަރޕޯޓް ތައްޤީކުރަން ވިލާއެއަރއާއެކު މަޝްވަރާތަކެއް ވަނީ ފަށާފައި: ވަޒީރު އަމީން


  • ރައީސް ނިންމާވަނީ ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް، ތިނަދުއާ ކާޑެއްދޫ ބްރިޖަކުން ގުޅާލަން

ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާއެއްގޮތަށް އެމަސައްކަތް ކުރުމަށް އެއެއަރޕޯޓު ހިންގަމުންދާ ފަރާތަކަމުގައިވާ ވިލާއެއަރއާއެކު މަޝްވަރާތަކެއް ކުރައްވަމުންގެންދަވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ވެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ އެއަރޕޯޓު މިހާރުވެސް ހިންގާ ވިލާ އެއަރއާ ހަވާލުކޮށްގެން ނުވަތަ ސަރުކާރުންތޯ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ވަޒީރު ވިދާޅުވީ މުހިންމީ ވަކި ފަރާތަކުން އެއަރޕޯޓް ހިންގުން ނޫންކަމަށާއި، އެތަން ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް، ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް އެކަށައަޅާފައިޥާ ޕްލޭނާއެއްގޮތަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވަނީ ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫގައި މުޅިން އާ އެއަރޕޯޓެއް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރެއްވުމަށެވެ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤިކުރުމުގެ ބަދަލުގައި، ދެ ރަށް ބުރިޖުން ގުޅާލާ، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން ނިންމާފައިވާއިރު، ސަރުކާރުން ފުރަތަމަ ނިންމީ، ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށް ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށެވެ.

ވަޒީރު ވިދާޅުވީ މިކަމުގެ މަޝްވަރާތައް، ކާޑެއްދޫ އެއަރޕޯޓާއި ހަވާލުވެފައިވާ ފަރާތާއެކު މިހާރު ކުރިއަށްދާކަމަށެވެ.

"ކާޑެއްދޫ އެއަރޕޯޓް މިހާރު އޮތީ އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ. ރައީސްގެ ނިންމެވުމާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްޤީކުރާނީ. މުހިންމު ވަކި ފަރާތަކުން އެއަރޕޯޓް ހިންގުމެއް ނޫން، ބޭނުންވާ މިންގަނޑަށް ތަރައްޤީކުރުން. މިހާރު އެބަގެންދަން، އެއަރޕޯޓާ ހަވާލުވެފައިވާ ފަރާތްތަކާއެކު އެކަމުގެ ޑައިލޮގްތައް." ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވިލާ އެއަރގެ ޗެއަރމަން ޤާސިމް އިބްރާޙިމް މިއަހަރަކުގެ ފެބްރުއަރީމަހު، ރައްޔިތުންގެ މަޖީލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރަށް ހުންނެވިކަމަށެވެ. މިކަމާ ގުޅިގެން ވަޒީރު އަމީން ވިދާޅުވީ، މިފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ރަސްމީ ސިފައެއްގައި ހުށައަޅައިގެން ކުރިއަށްގެންގޮސްފައި ނެތްކަމަށެވެ.

ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓުގެ ހިންގުން ވިލާ އެއަރއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ 50 އަހަރަށެވެ. ނަމަވެސް އެ އެއްބަސްވުން 2107 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރިއެވެ. މިކަމާ ގުޅިގެން ވިލާ އެއަރއިން ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، ކާޑެއްދޫ އެއަރޕޯޓުގެ އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.