ޚަބަރު

ރޭސިންގ ޓްރެކް ހަދަން ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކަނީ، ޓްރެކް ތަރައްޤީކުރާނީ އެމްއޭސީއެލުން


  • މި ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ހައިވޭގެ ބޭރުން ބިމެއް ހިއްކައިގެން

  • މިއަހަރު އިތުރު 377 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފަ

މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކު ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށާއި، ޓްރެކް ތަރައްޤީކުރަން އެމްއޭސީއެލްއާ ޙަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުޅިވަރުގެ ތަފާތު އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ރޭސިންގ ޓްރެކެެއް އެޅުމަށް މިހާރު އެމްއޭސީއެލްއާއި ހަވާލުކޮށްފައިވާކަމަށާއި، އެމްއޭސީއެލުން އިންވެސްޓްކޮށްގެން އެ ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުލެއާއި ހުޅުމާލޭގެ ދެމެދުގައި އޮންނަ ހައިވޭގެ ބޭރުން ބިމެއް ހިއްކައިގެންކަމަށެވެ.

"މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް. އެ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިގޮތަށް ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީކަމަށެވެ. އަދި ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުޅިވަރުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން ބަލާއިރު މިހާތަނަށް 192 ކުޅިވަރުގެ މަޝްރޫޢުތަކެއްގައި ސޮއިކުރެވި، އިތުރު 377 މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަހަރުގެ މިހާތަނަށް 50 ކުޅިވަރުގެ މަޝްރޫޢު ނިމިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯރ ޖިމްތައް އެޅުމާއި، ކުޑަކުދިންގެ ޕާކުތައް އެޅުން ހިމެނެއެވެ.