ޚަބަރު

މި އަހަރު ތެރޭގައި މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފެށޭނެ: ރައީސް


  • ބޭރުމަގު ތާރު އެޅުމުގެ މަސައްކަތް އެމްޓީސީއާ ހަވާލު ކުރެވިފައި

  • ބޭރުމަގުގައި ދެލޭނު އެޅުމަށް ހަމަޖެހިފައިވޭ

މި އަހަރުތެރޭ މާލެއާއި ވިލިމާލޭގެ މަގުތައް ހެދެން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައުސިންގ މައްސަލަ ނަގާފައި ރައްޔިތުންނަށް އެންމެ އުނދަގުވާ މައްސަލައަކީ މަގުތަކުގެ މައްސަލަތައް ކަމަށެވެ.

މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ އެހީގައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފީސިބިލިޓީ ސްޓަޑީ ނިންމައި ރިޕޯޓް ހުށަހަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދެން އަންނަ މަރުހަލާއެއްގައި އެބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުމަގު މިހާރު ތާރު އަޅާފައިވާ ހިސާބުން ފެށިގެން އެމްއެމްއޭއާއި ހަމަޔަށް ތާރު އެޅުން އެއީ މި މަސަަައްކަތްތަކުގެ ބޭރުން ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން މިހާރު އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ ކަމަށާއި ސާރވޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް މަހެއްހާ ދުވަސްތެރޭ ފެށޭތޯ ބަލަމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބޭރުމަގު ތާރު އަޅައި ބައި ފުޅާވާނެ ކަމަށާއި، އެ މަގުގައި ދެ ލޭނު އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެން ބޭރުން އެ ސްކޯޕްގަ ނުހިމޭނޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު މިހާރު ތާރު އަޅާފަ އޮތް ހިސާބުން ފެށިގެން އެމްއެމްއޭ އާ ހަމަޔަށް ތާރު އެޅުމުގެ މަސައްކަތް. އެބައި މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ. ސަވޭ ނިމުނުހާ އަވަހަކަށް މަހެއްހާ ދުވަސްތެރޭ މަސައްކަތް ފެށޭތޯ މަސައްކަތް ކުރޭ" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ އަވަހަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.

މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރުކަމުގައި ހުންނަވައެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން މާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. ނިމުނު ސަރުކާރުގައި މަގުގެ ބާކީ ބައިގައި ތާރު އަޅަން ޕްލޭންކުރިނަމަވެސް ބޮޑުތަކުރުފާނު މަގުގެ އިތުރު ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެއް ނުވެއެވެ.