ޚަބަރު

އާންމުންނަށްވެސް ވަދެވޭނެހެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަސްހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރަނީ


  • މިއީ 5 މިލިޔަން ގަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް

  • މިއީ 55،000 އަކަފޫޓަށް ވުރެއް ބޮޑު ތަނެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިއީ ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށީ މިދިޔަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޓީމެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. އެވުޒާރާއިން ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ ޗައިނާ ސަރުކާރުން ފަސް މިލިޔަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރުންކަމަށެވެ. އެގޮތުން ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާ ކުރުމަށްޓަކައި ނާސަރީއެއް ތަރައްޤީ ކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނުކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މި ދަތުރުގައި ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަންކުރަން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައިކަމަށާއި މިއީ 55،000 އަކަފޫޓަށް ވުރެއް ބޮޑު ތަނެއްކަމަށެވެ. މިތާނގައި މީޓީން ރޫމަކާއި ލެބޯޓަރީއެއް ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިތަން ތަރައްޤީކުރާނީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށްކަމަށާއި މިތަނަކީ ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެކަމަށް ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ނާސަރީގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަކީ އަމާޒެއްކަމަށެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ނާސަރީގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލްކުރަން ފަސޭހަވެގެން ދާނެކަމަށެވެ. އަދި މި ނާސަރީއަކީ މުސްތަޤުބަލުގައި ސުކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރިގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭ ތަނެއްކަމަށްވެސް އެ ވުޒާރިން ފާހަގަކުރެއްވިއެވެ.

ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގުރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. އެ ތަޤުރީރުގައި ރައީސް ޑރ. މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަށް ވަޢުދުވެވަޑައިގަތެވެ.