ޚަބަރު

އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުން: ޞިއްޙީ ވަޒީރު


  • ދަރިމައިވުމަށް ފިރިހެނުންގެ ދުޅަހެޔޮކަންވެސް މުހިންމު

  • މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާގެ ނިޒާމު ބެލެހެއްޓުން ހަރުދަނާކުރާނެ

އަމާޒަކީ މައިންނާއި ތުއްތު ކުދިންގެ ޞިއްޙީ ރެކޯޑްތައް ޑިޖިޓަލް ނިޒާމަށް ބަދަލުކުރުންކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ޞިއްޙީ ވަޒީރު ވަނީ، ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން މިއަހަރު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ކަނޑައަޅުއްވާފައިވާ ޝިޢާރަށް އަލިއަޅުވާފައެވެ.

މިއަހަރުގެ ޝިޢާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ" އެވެ. މި ޝިޢާރުން ބާރު އަޅަނީ ކުއްޖަކު ދުޅަހެޔޮކަންމަތީ އުފަންވެ، ޞިއްޙަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި ބޮޑުވުމުގެ މުހިންމު ކަމަށެވެ. ވަޒީރު ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

މިއަދު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފާވާއިރު މިއަށްވުރެ ރަނގަޅު ހާލަތަކަށް ދިއުމަށް ސާރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ދަރިމައިވުމުން ފެށިގެން ދެމަފިރިންނަށް އަދި މައިމީހާއަށް ދޭންޖެހޭ އެންމެހައި މައުލޫމާތު މިހާރު ނިޒާމުގެ ތެރެއިން ދެވޭކަން ވަޒީރު ހިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ އޭ.އެން.ސީ ކަވަރޭޖް ނުވަތަ މާބަޑުވުމުން އެކަށީގެންވާ ފަރުވާ ހޯދާ ނިސްބަތް %98 އަށް ވުރެ މަތީގައި ހިފެހެއްޓިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާންޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ހިޠާބުގައި ދަރިމައިވުމަށްޓަކައި އަންހެނުންގެ އިތުރުން ފިރިހެނުންވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެމަފިރިންވެސް ޞިއްޙީ ރަނގަޅު އާދަތަކުގައި ދެމިތިބެ ދުޅަހެޔޮ ކަންމަތީގައި ތިބުމަށް މަސައްކަތް ކުރުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށާއި ދުޅަހެޔޮކަމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ދަރިފުޅު މައިމީހާގެ ރަހިމުގައި ގަރުބަގަތީއްސުރެ ޢުމުރުން 2 އަހަރުވުމާހަމައަށް މި ހިނގާ ދުވަސްކޮޅަކީ ނުވަތަ ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުއްޖާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ސިކުނޑިއާއި ހިއްސުތައް ތަރައްޤީވެ ފުރިހަމަވަމުން އަންނަ ދުވަސްވަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 2 އަހަރު ފުރެންދެން ތުއްތު ކުދިންނަށް މިންހެޔޮ ކާނާ ދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަޒީރު ވަނީ އަލިއަޅުވާލައްވާފައެވެ.

މިނިޒާމު ވަށާޖެހޭގޮތަށް ހެދުމަށް، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، އެމަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ވަޒީރު ވިދާޅުވީ މިމަސައްކަތާއެކު ސަރުކާރުގެ އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ޚިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

"ރައްކާތެރި މައިންވަންތަކަމަށް އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެކަމަށް އަޅުގަނޑުމެން ޔަޤީންކުރަން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދަޅުވެފައިވާއިރު، ސަރުކާރުން އަންނަނީ ސިއްޙީ ނިޒާމު މިދައުރުގައި އެއްކޮށް ޑިޖިޓަލް ކުރުމަށް މަސައްކަތްކުރައްވަމުންނެވެ.

ވަޒީރުގެ ޚިޠަބުގައި މައިންނާއި ޅަދަރިންގެ ސިއްޙަތާގުޅޭ ގިނަ ކާމިޔާބީތަކެއް ދިވެހިރައްޔިތުން މިހާރުވެސް ޙާޞިލްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްކުރައްވަނީ މި ކާމިޔާބީތައް ހަރުދަނާކަމާއެކު ދަމަހައްޓައި ބިނާކުރަނެވި ގޮތެއްގައި ތަރައްޤީކުރަމުން ގެންދިއުމަށްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.