1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ގުދުރަތީ އެއް ވަޞީލަތަކަށް މީރުފެން ވުމާއެކު، އެކަމާމެދު ހޭލުންތެރިކަން އިތުރުކޮށް ކުރިމަތިވަމުން މިދާ ކާރިސީ ޙާލަތަށް ތައްޔާރުވުމަށް ބާރު އެޅުމެވެ.
ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ބޮޑަށް ރާއްޖޭގައި މީރުފެން ފަށަލައަށް ކުރިމަތިވެފައިވާ ނުރައްކާވަނީ ބޮޑުވެފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވާގޮތުގައި 2004 ވަނަ އަހަރުގެ ސުނާމީއާއެކު އޭގެކުރިން މީރުފެން ފަށަލައިގެ މައްސަލަ ކުޑަ، މީސްކޮޅު މަދު ރަށްރަށަށްވެސް ވަނީ މިމައްސަލަ މިހާރު ކުރިމަތިވެފައެވެ. ފެނުގެ ރަހައާއި ވަހަށް ބަދަލު އައިސްފައިވާއިރު ފެންވަނީ ތަޣައްޔަރުވެފައެވެ.
ކަނޑުގެ ލޮނުގަނޑަށްވުރެ އެވްރެޖްކޮށް 1.5 މީޓަރު އުހުގައި އޮތް މި ކުޑަކުޑަ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ހަމައެއާއެކު މޫސުމީ ބަދަލުތަކާއެކު ކުރިމަތިވާ އެކި ކާރިސާތަކުގައި މީރުފެން ލިބުމަށް އެންމެ ބޮޑަށް ހުރަސް އެޅިގެންދާ ޤައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ. ސަބަބަކީ އެހެން ޤައުމުތަކާއި ޚިލާފަށް ރާއްޖޭގައި މީރުފެން ލިބޭ ވަޞީލަތްތައް މަދުވުމެވެ.
ބިމުގެ އަޑީގައި ލިބެން ހުރި މީރުފެނުގެ އިންސައްތަ މަދުވާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ބިން ތިރިވުމެވެ. ނަތީޖާއެއްގެ ގޮތުން ވެލި ފަސްގަނޑުގެ ދަށުގައި އޮތް ތުނި މީރުފެން ފަށަލަ ލޮނުވުމުގެ ފުރުސަތު ބޮޑުވުމެވެ. ހަމައެއާއެކު ރައްކާތެރި ނޫންގޮތުގައި މީގެކުރިން ބޭނުންކުރަމުންދިޔަ ނަރުދަމާގެ ސަބަބުންނާއި ރައްކާތެރި ނޫން ގޮތްގޮތަށް ކުނި މެނޭޖްކުރުމަށް މަސައްކަތް ކުރެވިފައިވުމަކީވެސް ރާއްޖޭގެ މީރު ފެން ފަށަލައަށް އަސަރުކޮށްފައިވާ ބައެއް ސަބަބުތައް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީރުފެން ދެން ލިބޭ އަނެއް ގޮތަކީ ވާރޭ ފެނެވެ. އެހެންނަމަވެސް މޫސުމީ ބަދަލުތަކާއެކު ވާރޭ ވޭހޭ ދުވަސްތަކާއި މިންވަރަށް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. ހަމައެއާއެކު ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ހޫނު މޫސުމުގައި ހޭދަކުރަންޖެހޭ އަހަރުތައްވެސް ދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި ޒަމާންތަކެއް ކުރިން ރަށްރަށުގައި ފަރުދީ ފެންވަރުގައި ވަޅު ކޮނެގެން ފެން ނަގައިގެން އަދި ވާރޭ ފެން ތާނގީ ރަށު އޮފީހާއި މިސްކިތްތަކުގައި ބަހައްޓައިގެން ރަށު ފެންވަރުގައިވަނީ މެނޭޖްކޮށްފައެވެ. އެހެންނަމަވެސް އިތުރުވަމުންދާ އާބާދީއާއި މޫސުމީ ބަދަލުތަކާއެކު ކުރިމަތިވަމުންދާ ހުރަސްތަކާއެކު ފެންފަށަލަ ތަޣައްޔަރުވެ ފެން ލިބުންވަނީ ދަތިވެފައެވެ. އެހެންކަމުން ސަރުކާރުން މިކަމަށް ޙައްލެއް ގެނައުމަށް މަސައްކަތް ތަކެއް ކުރައްވާ 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފެނުގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ފެން ކުންފުނި އުފައްދަވާ އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ރާއްޖޭގައި ޑިސެލިނޭޓް ވޯޓަރ ނުވަތަ ލޮނު ފެން ސާފުކޮށްގެން ފޯރުކޮށްދޭން ފަށާފައިވަނީ އެންމެ ފުރަތަމަ ވެރިކަންކުރާ މާލޭގައެވެ. ފުރަތަމަ ފަހަރަށް މާލޭގައި ފެން ކުންފުނިން މީރު ފެން އުފައްދައިގެން ފެން ފޯރުކޮށްދޭން ފަށާފައިވަނީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. އިންޤިލާބީ މިބަދަލާއެކު ރާއްޖެއިން ފެން އުފެއްދުމުގެ އިތުރު ހަރުފަތަކަށް ޖެހިލިއެވެ.
ޑިސެލިނޭޓެޑް ވޯޓަރ އަކީ ކަނޑުން ނަގާ ފެނުން ލޮނާއި އެނޫންވެސް މިނަރެލްސްގެ މާއްދާތައް ވަކިކޮށް ސާފުކޮށްގެން އުފައްދާ ފެނެވެ. ހަމައެއާއެކު ބިމުގެ އަޑިއަށް ބޯހޯލް ތޮރުފައިގެން މީރުފެން ނަގައިގެން ސާފުކޮށްގެންވެސް ރާއްޖޭގައި ފެން އުފައްދަމުންދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާ އަދި ޔޫޓިލިޓީގެ ޚިދުމަތް ޤާއިމުކުރުން ލާޒިމުކުރެވިގެންދިޔައީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ފެހި ޤާނޫނު އަސާސީއާއެކުގައެވެ. އެފަހުން މިވީ މުއްދަތުގެ ތެރޭގައި އެކި މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގައި ފެނުގެ ޚިދުމަތް ސަރުކާރު މެދުވެރިކޮށްދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގެ ގިނަ ރަށްރަށުގައި މިވަގުތުވެސް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގަމުންނެވެ.
އެގޮތުން މިހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެން ލިބޭނެ އިންތިޒާމު ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އާބާދީ އިތުރުވާ ސަރަޙައްދުތަކުގައި ކުރިއަށް އޮތް އަހަރުތަކުގައި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަންޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މަސައްކަތް ޕްލޭންކުރަމުންދަނީ އެފަދަ ގޮތަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އދ.ގެ ފަރާތުން ކޮންމެ އަހަރެއްގައިވެސް ފާހަގަކުރާ މިދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ގްލޭސިއާ ޕްރިވެންޝަން" މިޝިޢާރެވެ. ގްލޭސިއާ ނުވަތަ އުސްފަރުބަދަތައް މަތީގައާއި ދުނިޔޭގެ އުތުރާއި ދެކުނު ތަނޑީގައި ހުންނަ ގަނޑުފެން ވިރެމުންދާ މައްސަލައަކީ ތިމާވެށީގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެކެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔޭގެ އެކި ބައްރުތަކުގައި ހުރި ގަނޑުފެން ވިރިގެން ދިޔުމަކީ ދުނިޔޭގެ ގުދުރަތީ ފެނުގެ ނިޒާމުގެ ޔަގީންކަން ގެއްލިގެންދާކަމެކެވެ.
ގަނޑުކޮށް ހުންނަ މިފެނަކީ ދިރުންތަކަށް ނުހަނު މުހިއްމު ފެނަކަށްވާއިރު، މިއީ އެތައް މިލިޔަން ބަޔަކަށް ބުއިމަށާއި ގޮވާންކުރުމަށް ބޭނުންވާ މުހިއްމު ފެނުގެ ވަޞީލަތެކެވެ. އެހެންނަމަވެސް ދުނިޔެ ހޫނުވަމުންދާ ނިސްބަތުން ގަނޑުފެން ވިރެމުންދިޔުމުގެ ސަބަބުން ފެންބޮޑުވުމާއި، ހަނަފަސްކަމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ގުދުރަތީ އެތައްކަމެއްގެ ސަބަބުން އެތައް ބިލިޔަން އިންސާނުންގެ ދިރިއުޅުމަށްދަނީ އަސަރުކުރަމުންނެވެ.
އެހެންކަމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރާއިރު އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ފެނުގެ ކާރިސީ ޙާލަތަށް ތައްޔާރުވާއިރުވެސް މިކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މިއަހަރުގެ ޝިޢާރުގެ މައިގަނޑު މަޤުސަދެވެ. އަދި މިދާއިރާއިން މިހާރުން މިހާރަށް އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ ޤައުމުތަކުން ޖައްވަށް ބޭރުކުރާ ނުރައްކާތެރި ވިހާގޭސްތައް މަދުކުރުންކަމަށްވުމާއެކު އެކަމަށް ބާރު އެޅުމަށްވެސް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ރައްކާތެރި ފެނަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް މަދުވަމުންދާ ގުދުރަތީ ވަޞީލަތެކެވެ. އެހެންކަމުން ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު ލިބެން ހުރި މީރުފެނާއި މެދު ރައްކާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް ރައްކާތެރިބޯފެނުން މަޙުރޫމްވެފައިވާއިރު މިނިޢުމަތް ލިބިފައިވާ މަދު މީސްކޮޅުގެ ތެރޭގައި ދިވެހީން ހިމެނޭއިރު އެއީ ޝުކުރުކުރަންޖެހޭ ފަދަ ކަމެކެވެ. ފެން އިސްރާފުކުރުމާއި ފެން ފަށަލަ ހަލާކުވާ ފަދަ ކަންކަމާއި ދުރުހެލުވުމަކީ ފަރުދީގޮތުންނާއި ރަށު ފެންވަރުގައިވެސް ސަމާލުވާންޖެހޭ ކަންކަމެވެ.