ކ. ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފާދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލޭ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު ތިލަފުށީގައި ކުރިއަށްދާ މަޝްރޫއުތަކުގެ ދުވެލި ހުރީ ވަރަށް ލަސްކޮށްކަމަށެވެ. އެހެންނަމަވެސް މިހާރު މަސައްކަތުގެ ދުވެލި ހަލުވިކޮށް މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.
ވަޒީރު ވިދާޅުވީ ތިލަފުށީގައި ޤާއިމް ކުރާ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެކަމަށެވެ. އަދި އަންދާ ކުނިން 13 މެގަރ ވޮޓްގެ ހަކަތަ އުފެއްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ ތެރެއިން 10 މެގަރ ވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރުކުރެވި ބާކީ 3 މެގަރ ވޮޓް ބޭނުން ކުރާނީ ތިލަފުށީގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއު ނިންމޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށެވެ.
"އެ ޕްރޮގްރާމް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅުގައި. ފޭސް 2 ގެ އިންސިނިރޭޓަރގެ މަޝްރޫއަށް 145 މިލިޔަން ޔޫސްއެއް ޑޮލަރު ހަރަދުވާނެ. މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އިތުރަށް މަސައްކަތް އަވަސް ކުރަން ރައީސް ވަނީ އިރުޝާދު ދެއްވާފައި." ވަޒީރު ވިދާޅުވިއެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގައި އެހީގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއްގެ މަސައްކަތްވެސް ތިލަފުށީގައި ކުރިއަށްދާއިރު، މިއީ 2.3 ބިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ، ވައި ތަޣައްޔަރުވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭޙައެއް ވެގެންދާނެއެވެ.