މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެޕްލިކޭޝަންގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދޭނެ އެޕްލިކޭޝަންއެއްކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެއެވެ.
މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށެވެ.
އެޕްލިކޭޝަން ލޯންޗްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލައިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން ކަމަށެވެ. އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންވެސް ކަނޑައަޅާ ބާވަތްތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެޕްލިކޭޝަންއިން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެބޭފުޅުން އަމިއްލައަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން. އެއީ މީގައި ދެން އޮތް މަރުހަލާއަކީ. އަޅުގަނޑުމެންގެ އިންސްޕެކްޓަރުން އެކި ތަންތަނަށް ގޮސްގެން ހޯދާ ގޮތައް މިހުންނަނީ. އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަންއަކަށް". ވަޒީރު ވިދާޅުވިއެވެ.
އިކޮނޮމިން މިނިސްޓްރީން ވިދާޅުވީ، މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. މިވަގުތު މި ލިސްޓުގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތަކެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.