ޚަބަރު

ފަސް މިލިޔަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް


  • މި ދަތުރުގައި ނާސަރީގެ ޑިޒައިނާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ

  • މިއީ ވަޒީރުގެ ނައިބު އަޙްމަދު އަތީފް އިސްކޮށްހުންނަވައިގެން ކުރައްވާ ދަތުރުފުޅެއް

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަފުދުން ޗައިނާއަށް ކުރަމުންދާ ދަތުރުގެތެރެއިން ފުޖިއަން އަދި ޖަންގްޖޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަފުދުން ޗައިނާ ކުރާ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ ދަތުރެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު އަތީފް އިސްކޮށް ހުންނަވައިގެން ކުރައްވާ މި ދަތުރުގައި، ޗައިނާގެ ގަސް އިންދުމާއި ބެލެހެއްޓުމުގެ ދާއިރާގައި ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާއި އުކުޅުތައް ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ފުޖިއަން އަދި ޖަންގްޖޯ ސިޓީތަކުގެ ނާސަރީތަކަށް ކުރި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް އުފައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މޫސުމާ ގުޅޭ ގަސްތައް އުފެއްދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަފުދުން ޗައިނާއަށް ކުރަމުން ދަތުރުގެ ތެރެއިން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، މި ދަތުރުގައި ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަންކުރަން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައިކަމަށާއި މިއީ 55،000 އަކަފޫޓަށް ވުރެއް ބޮޑު ތަނެއްކަމަށެވެ. އަދި މިތާނގައި މީޓީން ރޫމަކާއި ލެބޯޓަރީއެއް ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ނާސަރީ ތަރައްޤީކުރާނީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށްކަމަށާއި މިތަނަކީ ހިތްގައިމު އަދި ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިތަނުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށީ މިދިޔަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.