ރޯދަމަހަކީ އާންމު މަސްމަހުގައި ކާބޯތަކެތި ބޭނުން ކުރާ މިންވަރަށް ވުރެ އިތުރަށް އެތަކެތި ތައްޔާރުކުރާ މަހެކެވެ. ޢާންމުކޮށް ރޯދަމާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންވެސްދެއެވެ. ނަމަވެސް މިދިޔަ ރޯދަމަހަކީ ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅި މަހެކެވެ. މިއީ ވިޔަފާރީތަކަށް ގެއްލުން ނުވާގޮތަށް ބާޒާރުގައި ތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ. ހަމައެއާއެކު ކުރިއަށް އޮތް ރޯދަމަހަށްވެސް ސަރުކާރުން ދަނީ އެފަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރޯދަމަސް ނޫނަސް އެވުޒާރާއިން އަބަދުވެސް ބާޒާރުގެ އަގުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރެއެވެ. އެގޮތުން ވަކި ބާވަތެއްގެ މުދަލުގެ އަގު އުފުލުމުން އާންމުކޮށް އެ ވުޒާރާއިން އަމަލުކުރާ ގޮތަކީ، އެގޮތަށް ފާހަގަކުރެވޭ ބާވަތެއްގެ މުދާ ގަނޑުކޮށް އެސްޓީއޯއިން އެތެރެކުރުމެވެ. އަދި އެގޮތަށް ގެންނަ މުދާ ހޯލްސޭލަރުންނަށް ލިމިޓެއް ނެތި ވިއްކުމުން ބާޒާރުގައި އެ ބާވަތެއްގެ އަގު ތިރިވެގެންދެއެވެ.
މިގޮތުން އަގު އުފުލެމުންދިޔަ ބައެއް ބާވަތްތައް ރާއްޖެ އެތެރެކޮށް، އަގުހެޔޮކޮށް އެސްޓީއޯއިން ވިިއްކަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ފިޔާ، އަލުވި، ބިސް، ލުނބޯ ކާށި ފަދަ އަސާސީ ތަކެތި އެސްޓީއޯއިން ވިއްކަމުންދަނީ މީގެކުރިން ބާޒާރުގައި އެތަކެތި ވިއްކަމުންދާ އަގަށްވުރެ މާ ހެޔޮކޮށެވެ.
އިޤްތިޞާދީ ވުޒާރާއިން ކުރާ މަސައްކަތުގެ ތެރެއިން، ބާޒާރުގައި އަސާސީ މުދަލުގެ ގޮތުގައި 141 ބާވަތެއްގެ މުދާ މޮނީޓަރކުރެއެވެ. މިބާވަތްތައް ކަނޑައަޅާފައިވަނީ ބައިނަލްއަޤްވަމީ އިދާރާތަކުން އަސާސީ ބާވަތްތައް ކަނޑައަޅާ މިންގަނޑަށާއި، ރާއްޖެއަށް އެތެރެކޮށް އާންމުކޮށް ބޭނުންކުރާ ބާވައްތަކުގެ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށެވެ.
* ގޭބީސީތަކުގައި ކެއުމަށާއި، ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތައް - 93 ބާވަތެއް
* މޭވާ އަދި ތަރުކާރީ - 38 ބާވަތެއް
* ކަނޑުމަހުގެ ބާވަތްތައް - 10 ބާވަތެއް
އެ ބާވަތްތަކުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ޤަވާއިދުން ދާނީ އަގުތައް ބަލަމުންނެވެ. އެގޮތުން ވުޒާރާގެ ޓީމުތައް މާލެއާއި އަތޮޅުތަކުގެ ފިހާރަތަކުން އަދި މާރުކޭޓުތަކުން މައުލޫމާތު އެއްކުރަމުންދާނެއެވެ. އަދި ރޯދަމަހު މިމަސައްކަތް އިތުރަށް ވަރުގަދަކޮށް ރޯދަމަހަށް ޚާއްޞަ ބާވަތްތަކުގެ އަގު ގާތުން ބަލަމުންދާނެއެވެ.
ސަރުކާރުން އެސްޓީއޯއާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ރޯދަމަހަށް ތައްޔާރުވުމުގެ މަސައްކަތް ފެށިއެވެ. ރާއްޖެއަށް ގަނޑުކޮށް މުދާ ގެންނަ ފަރާތްތަކާއެކުވެސް މަސައްކަތްތަކެއް ފެށިއެވެ. އެފަރާތްތަކަށް ދިމާވާ ދަތިތައް ބަލައި އަވަސްހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރެއެވެ.
މިފިޔަވަޅުތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ތަކެތި ލިބޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓުތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭގެ ފޭސް 1 އަދި 2 ގައި މާރުކޭޓުތައް ޤާއިމްކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއާއެކު ރާއްޖޭގެ އެތެރެކުރޭވޭ މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމުތަކެއްވެސް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއަރޕޯޓް ކާގޯއާއި، ސްޓޭޓް ޝިޕިންގ އަދި އެމްޕިއެލާއި ކަސްޓަމްސްއާއެކު މިމަސައްކަތް އަވަސް ކުރުމަށް މަޝްވަރާތައް ދަނީ ކުރަމުންނެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، އާންމުކޮށް ރާއްޖެއަށް ގެންނަ މުދާ އަވަހަށް ކްލިއަރ ކުރެވޭނެގޮތް ހެދުމަށް މިހާރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ކާގޯ މާލޭ ކޮމާޝަލް ހާބަރއިން ކްލިއަރ ކުރެވޭ ގޮތް ހާދައި، އާންމު މުދާތައް ހުޅުމާލެ ޕޯޓުން ކްލިއަރ ކުރެވޭނެގޮތަށް ބަދަލުކޮށްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިއާއެކު އެމްޕީއެލް އަދި ކަސްޓަމްސްގެ ކްލިއަރ ކުރާ ގަޑި އެއްގަޑިއަކަށް ހަމަޖައްސާ މަސައްކަތް އަވަހަށް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މާލެއާއި އަތޮޅުތަކުގައި މުދަލުގެ އަގު ހިފެހެއްޓުމަށް ދުރާލާ ތައްޔާރުވެ ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އަތޮޅުތަކުގައި ހުރި އެސްޓީއޯ ފިހާރަތައް މެދުވެރިކޮށް އަތޮޅުތަކަށް މުދާ ފޯރުކޮށްދޭނެއެވެ. އަދި ވަކި ބާވަތެއް ހުސްވެއްޖެނަމަ އެމްޓީސީސީއާއި ގުޅިގެން އެއަތޮޅަކަށް އެމުދަލެއް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން ރައްޔިތުނަށް ބާޒާރުގައި ހުރި މުދަލުގެ އަގުތައް އެނގޭނެ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން ބާޒާރުގައި އެކި ބާވަތްތަކުގެ އަގު ހުރި މިންވަރު ދެނެގަނެވި، އެ ބަވާތްތައް ލިބޭނެ ތަންތަން ކޮންމެ މީހަކަށްވެސް ބަލާލެވޭނެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އަސާސީ ކާބޯތަކެތި ހުސްނުވެ ލިބުނީ އަދި އަގުތައް އުފުލިގެން ނުދިޔައީ ދުރާލާ ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާގެ ސަބަބުންނެވެ. މިއާއެކު މިއަހަރުވެސް ތަކެތީގެ އަގު އުފުލިގެން ދިއުމުގެ ފުރުޞަތު މިވަނީ ކުޑަކޮށްފައެވެ.