ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރު ދިނުމަށް އެ ބޭންކުން ނިންމަވައިފިއެވެ.
އަންނަ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 1500 ޑޮލަރު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ އެކަން އިޢުލާންކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައިކަމަށެވެ. މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށްކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
ޢުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޢުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްޞީލު ބޭންކުން ވާނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައެވެ. އެހެންކަމުން ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕަކާ ގުޅުއްވުމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އެމެރިކާ ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 އެމެރިކާ ޑޮލަރުގެ ލިމިޓް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކާނެއެވެ.