ޚަބަރު

ކިސަޑު ޖަމާވެފައިވާތީ ރަސްފަންނު މޫދަށް އެރޭ ސަރަަހައްދު ވަގުތީ ގޮތުން ބަންދުކޮށްފި


  • އެ ސަރަޙައްދު ބަންދުކޮށްފައިވަނީ މިއަދު ހެނދުނު 9:00 އަކުން ފެށިގެން

  • 500 އަކަ މީޓަރުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވޭ

މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި ކިސަޑު ޖަމާވެފައިވާތީކަމަށެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން މިއަދު ހެނދުނު 9 އިން ފެށިގެން އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެ ސަރަހައްދުން ކިސަޑު ނަގައި، މަސައްކަތް ނިމެންދެން ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރި ރަސްފަންނު ބެލެހެއްޓުން އޭރުން ފެށިގެން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާއެވެ. ނަމަވެސް އެތަން ރަނގަޅަށް ބަލަހައްޓަމުން ނުދާނީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވާތީ، އެތަނުގެ މޫދަށް އެރޭ ސަރަޙައްދު ބަންދުކޮށްފައިވާއިރު، ރަސްފަންނު ރަނގަޅަށް ނުބެލެހެއްޓި، މާރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، އެތަނުގެ ހުރި ވަޞީލަތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ސިޓީ ކައުންސިލުން މިހާރު އަންނަނީ އެތަން މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މި މަސައްކަތް ދެތިން މަހެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.