ޚަބަރު

ރަމަޟާންމަހުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން ނިންމަނީ


  • ދައުރުތަކަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު

  • އިސްލާހު އާންމު ކޮމިޓީން ވަނީ ފާސްކޮށްފައި

ކުރިއަށް އޮތް ރަމަޟާން މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، ދައުރު ކުރުކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހާ ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ދާން ޕީއެންސީން ނިންމައިފިއެވެ.

މަޖިލީހުގެ ދައުރުތަކަށް ބަދަލު ގެނައުމަށް ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އެ އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބިލު ފާސްކުރުމަށް ނިންމަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވަނީ ތަފާތު ޚިޔާލުތަކެއް ފާޅުކޮށްފައެވެ. އެގޮތުން، ރަމަޟާން މަހާ ދިމާކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން މަސައްކަތް ކުރާ ދުވަސްތައް މަދުވާނެ ކަމަށާއި މެންބަރުންނަށް ލިބޭ ޗުއްޓީ ދުވަސްތައް އިތުރުވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި އިސްލާހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ރަމަޟާން މަހު ޗުއްޓީއަށް ނުދާގޮތަށް ވިސްނަމުންގެންދަވާ ކަމަށެވެ. ރަމަޟާން މަހު ޗުއްޓީއަށް ދާން ވިސްނީ، ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވެފައި، އެ ދުވަސްތަކުގައި މަޖިލިސްވެސް ބަންދުވާނެތީ ކަމަށެވެ. އަދި އޭގެ ކުރިން އެ މަހު މަސައްކަތްކުރަން ޖެހޭ ވަގުތު މަދުވެފައި، މަސައްކަތްކުރަން ލިބޭ ދުވަސްތައްވެސް މަދު ކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީއެންސީގެ މެންބަރުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ވީހާ ވެސް ގިނައިން މަސައްކަތްކުރެވޭނެ ގޮތެއް ވުމަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމީ ރަމަޟާން މަހު މަދު ވަގުތުކޮޅަކަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ޗުުއްޓީ ހަދައި އެެހެން މަހެއް، ފުލް މަސައްކަތް ކުރާ މަހަކަށް ހަދަން. މީހުންނަށް ހީވެފައި އޮތީ އިތުރު ޗުއްޓީއެއް ނަގަނީއޭ. އެކަމަކު އެއީ ނޫން އަސްލު ވާގޮތަކީ. ރަމަޟާން މަހު ވެސް އަދި އެ ނޫން ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުން އަބަދުވެސް ސައުވީސް ގަޑިއިރު ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި،" މެންބަރު ފަލާހު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވެއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރް ޖޫން އެކަކުން އޮގަސްޓު 15 ގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އެ އިސްލާހުގައި މެންބަރު ރިފާޢު ފާހަގަކުރައްވާފައިވާ ގޮތުގައި ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް މިއަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މި މަހުގެ 6ވަނަ ދުވަހުއެވެ.

ބިލު ފާސްކުރައްވަން ނިންމެވި މަޖިލީހުގެ އާންމު ކޮމިޓީގެ މެންބަރުންވެސް ވަނީ މި އިސްލާހުގެ ސަބަބުން މެންބަރުންގެ މަސައްކަތްކުރަންޖެހޭ ދުވަހުގެ އަދަދަކަށް ބަދަލު ނާންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މެންބަރުންގެ ޗުއްޓީވެސް އިތުރުނުވާނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.