ޚަބަރު

ގައްދޫގެ ކޯޗުގެ މަޤާމުން ނަޒީހު ވަކިކޮށްފި


  • މި ސީޒަނުގައި ކުޅުނު 6 މެޗުން ގައްދޫ ވަނީ ބަލިވެފައި

މުޅިން އަލަށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެ ކުޅެމުން އަންނަ ގައްދޫ ރެކްރިއޭޝަން ކުލަބުގެ ކޯޗު މުޙައްމަދު ނަޒީހު އާއިއެކު އެކުލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

“ޕީއެސްއެމް ނިއުސް”އަށް މައުލޫމާތު ދެމުން ގައްދޫގެ މެނޭޖަރު އަމްޖަދު ނަސީރު ބުނީ، ކޯޗާއި ކުލަބާ ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ. އަދި މި ނިންމުމަކީ ލީގުގައި ގައްދޫއިން މިހާތަނަށް ނެރެފައިވާ ނަތީޖާތަކުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް އަމްޖަދު ބުންޏެވެ. އެހެންނަމަވެސް މިއީ ކޯޗު ނަޒީހުގެ ފެންވަރާ މެދު ނުވަތަ ކޮލިޓީއާއިމެދު ސުވާލު އުފެދޭކަމެއް ނޫންކަމަށް މެނޭޖަރު ބުންޏެވެ.

އަމްޖަދު އިތުރަށް ބުނީ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓިމުގެ ފަރިތަކުރުންތަކަށް އަދި ތަމްރީން ކޭމްޕަށް ލީގުގެ ކުޅުން، މި މެޗު ހަފުތާއަކަށް މެދުކަނޑާލާއިރު، އެ ޓީމުން ލީގު އަލުން ފަށާނީ އައު ކޯޗަކާ އެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އައު ކޯޗު އިއުލާނުކުރާނެ ކަމަށް ވެސް އަމްޖަދު ބުންޏެވެ.

ގައްދޫގެ ކޯޗުކަމުން ނަޒީހު ވަކިކުރިއިރު އެ ޓީމުން މި ސީޒަނުގައި ކުޅުނު ހަ މެޗުން ވެސް ވީ ބައްޔެވެ. އޭގެ ތެރޭގައި އަމިއްލަ ފަސްގަނޑުގައި، ގައްދޫގައި ކުޅުނު ތިން މެޗު ވެސް ހިމެނެއެވެ.

ނަޒީހު އަކީ ގައްދޫ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗުކަން ފާހަގަކޮށްލެވެއެވެ.