މިސީޒަންގައި އަލްވަރޭޒްގެ ފުރަތަމަ ލަނޑުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑުން ޕޮއިންޓެއް ހޯދައިފިއެވެ. ޖަރުމަނުގެ ސްޓްޓްގާޓް އަތުން އެތްލެޓިކޯ މެޑްރިޑް ޕޮއިންޓެއް ހޯދީ މެޗުގެ ފަހުބައި ކުޅުންތެރިއަކު މަދުން ކުޅެއެވެ.
ސްޓްޓްގާޓްގެ ދަނޑުގައި 1-1 ން އެއްވަރުވި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފުރަތަމަ ހާފްގެ 36 ވަނަ މިނިޓްގައި ސްޓްޓްގާޓުންނެވެ. އެޓީމަށް ކުރިހޯދައިދިނީ ލެވެލިންގ އެވެ. އަލްވަރޭގް އެތްލެޓިކޯ މެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފް ފަށައިގެން 80 ވަނަ ސިކުންތުގައެވެ. މިއީ ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރި އަލްވަރޭޒް މިސީޒަންގައި ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ވާދަވެރި ބާސެލޯނާއަށް އަލްވަރޭޒް ވިއްކަން އެތްލެޓިކޯ އިން ދެކޮޅު ހެދުމުން އުފެދުނު ނުތަނަވަސްކަމާއެކު އަލްވަރޭޒް ހުރީ ގެއްލިފައެވެ. އޭގެފަހުން އެތްލެޓިކޯ އަށް މައްސަލަ ކުރިމަތިވީ 64 ވަނަ މިނިޓްގައި މޯޓެން ހުލްމަންޑަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ އެންޖެލޯ ސްޓިލާ އަށް ކުރި ނުރައްކާތެރި ޗެލެންޖަކަށް ދެއްކި ރަތްކާޑެކެވެ.
މުބާރާތުގައި މިމެޗުގެ ކުރިން ސްޓްޓްގާޓް ވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. އެތްލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްވެސް ޑޮމިނޭޓް ކުރިއެވެ. ދެވަނަ ހާފްގައި އެތްލެޓިކޯ އިން މެޗުގެ ކޮންޓްރޯލް ނަގަން ފުރުޞަތު ލިބުނު ދަނޑިވަޅުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އެޑްވާންޓޭޖް ނުނެގުނެވެ. 26 މިނިޓް އެތްލެޓިކޯ އިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.