އިސްރައްވެހިންގެ ނާދީތައް ޤާއިމް ކުރުމަށް 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ"ގެ 4 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންގެ ނާދީއަކީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގެ ތެރޭގައި އިތުރުކޮށް، އެމީހުންނަށްވެސް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމަށް ސަރުކާރުން ޤާއިމުކުރާ ތަންތަނެވެ. އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ގުޅިގެން ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް އެޅުމުގެ ފުރުޞަތު ކައުންސިލްތަކަށް ކުރިންވެސް ވަނީ ހުޅުވާލާފައެވެ.
އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ޤައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް އިސް ރަށްވެހިން އިތުރުވަމުންދާ ކަމަށާއި، އިސްރަށްވެހިންނަށް އެކުވެރި މާހައުލެއްގައި އުޅެލެވޭނެ ތަންތަން ޤާއިމުކުރުމުގެ ޝައުގުވެރިކަން ގިނަ ކައުންސިލްތަކުން ފާޅުކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންސިލްތަކާއި މަޝްވަރާ ކުރަމުން އެބަ ގެންދަން ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމަށް، އެގޮތުން ގާތްގަނޑަކަށް 60 ވަރަކަށް ކައުންސިލުން ޝައުގުވެރިކަން ފާހަގަކޮށްފައި އެބައޮތް" ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ވުޒާރާއިން އިސް ރައްވެހިންނަށް ޚާއްސަ ޕޮލިސީއެއް އެކުލަވާލައި އިސްރަށްވެހިންނާ އެއްކޮށް މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އިސްރަށްވެހިންގެ ޝަކުވާތައް އަޑުއައްސަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯއާ އެއްގޮތަށް އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކްތައް ޤާއިމުކޮށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.
އަދުގެ ސަރުކާރުން އިސްރަށްވެހިންނަށް ދިމާވާ ހުރިހާ ގޮންޖެހުންތައް ބަލައި ހޯދައި އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން ބޯހިޔާވަހިކަން ލިބުމުގައިވެސް އެފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލެއް މިހާރު ހަމަޖައްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. މިމަޝްރޫޢުގެ ދަށުން ފުރަތަމަ މަރުކަޒު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ހުޅުމާލޭގައި ގާއިމްކުރާ ނާދީ ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.