އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މިހެން ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މިއެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމުގެ ކަންބޮޑުވުން ބައެއް ފަރާތަކުން ދަނީ ފާޅުކުރުމަންނެވެ. އަދި އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުވައިގެން ވާހަކަދެކެވޭތީ ވަޒީރު ސަޢީދުވަނީ މިކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޗައިނާއިން 1 ބިލިޔަން ރުފިޔާގެ މުދާ ރައްޖެއަށް އެތެރެކޮށްފައިވާކަމަށެވެ.
"މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވޭ. މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓުގެ 1 އިންސަންތަ. އެހެންވީމަ [ޑިއުޓީ ދަށްވުމާއި] އެފްޓީއޭއަކާއި ގުޅުމެއް ނެތް." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ފައިދާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުންތައް އެކުލަވާލާ ޢަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށްކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖެއަކީ އިމްޕޯޓް ޑިޕެންޑެންޓް ޤައުމެއް. ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހި ގޮތަކަށް ގެނެވުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާވާނެ. އެ މުދާ ބޭނުން ކުރާ އާންމު ރައްޔިތުންނަށް ފައިދާވާނެ. އެއަކަށް ބޮޑު ޓެރިފް ރޭޓްތަކެއް ބޮޑު ބޭންޑުތަކެއް ގެނައުމެއް ބޭނުމެއް ނޫން." އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ލުއިކޮށްދީ ތަކެތީގެ އަގު ހިފެހެއްޓުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ އަސާސީ އެއް ވިސްނުންކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މިއާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި މެދުވެރިކޮށް، އެ މަސައްކަތް މިހާރު ކުރިއަށްގެންދާކަން އިޤްތިޞާދީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.